ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް މިއަހަރު ހުޅުވިގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ ލޯނަކާއި ލީސިންގ ސްކީމެއް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޢުދުފުޅެއް ކަމަށާއި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށްޓަކައި ބޭރުގެ ވިޔަފާރިވެރިންނާ ވާހަަކަދައްކަވަމުންދާ ކަމަށެވެ.
"އަޅުގަނޑު އެ އަމާޒު ޙާޞިލްކުރާނަން، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި އެ ބޭންކު ހުޅުވާނަން، މި ކަމާއި ގުޅޭ މަސައްކަތްތައް ވަރަށް ބާރަށް ކުރެވެމުން ދަނީ، ބޭރުގެ ވިޔަފާރިވެރިންނާއި ވާހަކަދައްކަމުން ދަނީ، އިންވެސްޓުކުރުމަށް ވާހަކަދައްކަވަމުން މި ދަނީ،" ވަޒީރު ސައީދު ވިދާޅުވިއެވެ.