މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި ބާރުވެރި ކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އީކޮމަރސް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.
މިޕޯޓަލަކީ އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށް ހަފުތާ14ގެ މަގުޗާޓުގައި ކަނޑައަޅާފައިވާ ވަޢުދުގެ ދަށުން ތަޢާރަފް ކުރި ޕޯޓަލެކެވެ.
މިކަމާގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޙުސައިން ޒާމިރު ވިދާޅުވީ މަހަ ޕޯޓަލްއާއެކު މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަމާ ގުޅުންހުރި ތަކެތި އުފައްދާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ހުރެވެސް އެތަކެތި ވިއްކައި އާމްދަނީ ހޯދޭނެ މަގު ފަހި ވެގެން ދާނެ ކަމަށާޢި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.
މިޕޯޓަލް އިފްތިތާހުކޮށްދެއްވީ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން ޢަލީއެވެ. މަހަ ޕޯޓަލްގައި ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވައިލާފައެވެ.