އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ތައާރަފްކޮށްފިއެވެ.
މިއީ ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގެ ދަށުން އެކުލަވާލާފައިވާ ޕްލޭނެކެވެ. މި ޕްލޭން ތައާރަފްކޮށްފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލްއާއި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" އެކުލަވައިލީ ސީޑީސީ ކޮންސަލްޓިންގެ އެހީގައި ކަމަށެވެ. މި ޕްލޭންގައި ކުރިއަށް އޮތް 5 އަހަރު އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް ހާސިލު ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ.
މި ޕްލޭންގެ ދަށުން އައްޑޫގައި 6000 އެނދު ތަރައްގީ ކުރާނެއެވެ. އަދި އައްޑޫ ސިޓީގައި 10،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ފަތުރުވެރިކަމުގެ އިތުރުން އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފުޅާ ކުރެވޭނެ ކަންކަން ވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ.