މިއަހަރު ގެމަނަފުށި ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ޤާއިމްކޮށްދޭނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މިއަހަރު ގެމަނަފުށި ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ޤާއިމްކޮށްދޭނަން: ރައީސް

ގއ. ގެނަމަފުށި ސްކޫލްގައި މިއަހަރު މަލްޓިޕާޕަސް ހޯލެއް ޤާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސްގެ ޖަވާބު ޕްރޮގްރާމްގައި އާއްމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގއ.ގެމަނަފުށީ، ހުސްނޫގޭ، ސަމީރު އަޙްމަދު ރައީސުލްޖުމްހުރިއްޔާއަށް ސުވާލު ދެންނެވީ ގެމަނަފުށީ ސްކޫލް މަލްޓި ޕާޕަސް ހޯލް އާއި އެރަށު މަގު ހެދުމުގެ މަޝްރޫޢާ ބެހޭގޮތުންެނެވެ. ސަމީރުގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ގއ. ގެނަމަފުށި ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. މި ހޯލާއިއެކު ޖާގައިގެ ގޮތުން ދިމާވެފައިވާ ދަތިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މަލްޓި ޕާޕަސް ހޯލެއް ބިނާކުރީމައި ތި ވިދާޅުވި ކަންތަކަށް ހައްލެއް އަންނާނެކަމަށް ގަބޫލުކުރެވޭ. މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެމަނަފުށި މިއީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ މުހިންމު ރަށެއްކަމަށެވެ. އަދި އިޤްތިޞާދީގޮތުން ބަލާއިރުވެސް އަދި އާބާދީގެ ގޮތުން ބަލާއިރުވެސް މަގުހެދުމަކީ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

 

މިއަދު އޮންލައިން