އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާ: ޣައްސާން

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 1ސ
އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާ: ޣައްސާން

އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ދިފާޢީ ވަޒީރު އަޙްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

އިންޑިޔާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިއާއާއި ރާއްޖެއާއި ސްރިލަންކާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ މިއަހަރުގެ "ދޯސްތީ އެކްސަޒައިސް" އިފްތިތާޙުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި  ދިފާޢީ ވަޒީރު ވިދާޅުވީ "މެރިޓައިމް ޓެރަރިޒަމް، ޓްރާންސްނޭޝަނަލް ގްރާންޓްސް، އެކްސްޓްރީމް ވެދަރއަކީ އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކާ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަން. ސަލާމަތްތެރިކަން ދެމެހެއްޓުމަށް ސަރަޙައްދީ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ. ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރާއި ކޯސްޓްގާޑް ވަރުގަދަކުރުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާ." ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ - 16" ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ފެބުރުވަރީ 22 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި  ސްރީލަންކާގެ  ކޯސްޓްގާޑުގެ  ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމުގެ ކޯސްޓްގާޑު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަޤްޞަދުގައި ބާއްވާ އެކްސަސައިޒެކެވެ.

ތިން ޤައުމު ގުޅިގެން ހިންގާ އެކްސަސައިޒް "ދޯސްތީ" ގައި، މެރިޓައިމް އިންޓަރޑިކްޝަން އޮޕަރޭޝަންސް، ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، މެރިޓައިމް ސަރވޭލަންސް އަދި ކޮމިއުނިކޭޝަން ޑްރިލްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ތަމްރީނުތަކުގެ ސަބަބުން ތިން ޤައުމުގެ އަސްކަރީ ތަޖުރިބާތައް އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިޖާބަދިނުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ  ޤާބިލުކަން ވަރުގަދަވެގެންދާނެއެވެ. މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްދަނީ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.

ސިލްސިލާގޮތެއްގައި އެކްސަސައިޒް "ދޯސްތީ" ގެ ތަމްރީނުތައް ކުރިއަށް ގެންދާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކްސަސައިޒް "ދޯސްތީ" އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ ކޯސްޓްގާޑާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒްގެ އޮބްޒާވަރެއްގެ ގޮތުގައި މިއަހަރު ބަންގްލަދޭޝް ކޯސްޓްގާޑުންވެސް ބައިވެރިވާނެއެވެ.

މި އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތުގައި، ދިވެހި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް އޮފް އިންޑިއަން ކޯސްޓްގާޑް، އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް ޕަރަމޭޝްއާއި، ރާއްޖޭގައި ތިއްބެވި ބައެއް ބޭރު ޤައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން