މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.2 ބިލިއަން ރުފިޔާ ހުރިކަމަށް ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން ދައްކައިފިއެވެ.
ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސް ގެ ގޮތުގައި މިދިޔަ އަހަރުތެރޭ 999 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފަައިވާޢިރު އެކި މަޝްރޫޢުތަކަށް ގްރީން ފަންޑުން މިދިޔަ އަހަރު 534 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ މާރިޗުމަހުއެވެ. އެގޮތުން އެމަހު 105 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ. ދެން އެންމެ ގިނައިން ގްރީން ފަންޑަށް ފައިސާ ޖަވާވެފައިވަނީ ޖަނަވަރީމަހުއެވެ. އެމަހު 100 މިލިއަން ރުފިޔާ ފަންޑަށް ޖަމާވެފައިވެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ.
ގްރީން ޓެކްސް ދައްކަންޖެހެނީ ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންނެވެ.