އަންނަ ޖުލައިމަހު ބޮޑުތިލަދުންމަތީގައި ބަންކަރިންގެ ޙިދުމަތް ފެށޭނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުތިލަދުންމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހއ. ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ ދެ ހަފްތާ ތެރޭގައި ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ އެއް ކުންފުންޏަކާއެކު ބޮޑުތިލަދުންމަތީގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް މަޝްވަރާ ކުރާނެކަމަށާއި ކުރިއަތް އޮތް ދެ މަހެއްހާ ދުވަހުން މަސައްކަތްކޮށް އަންނަ ޖުލައި މަހު ބަންކަރިންގެ ވިޔަފާރި ބޮޑު ތިލަދުންމަތީގައި ފެށިގެން ދާނެކަމަށެވެ.
ބަންކަރިންގެ ޚިދުމަތާއެކު އެ ސަރަހައްދުގައިި ވަޒީފާގެ ފުރުޞަތު އިތުރުވެ ރާއްޖޭގެ އާމްދަނީ އިތުރުވެގެން ދާނެކަމަށާއި މީގެ އިތުރުން ފޮރިން ކަރަންސީއަށް އީޖާދީ ދޮރެއް ހުޅުވިގެން ދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.