ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ އަންނަމަހުން ފެށިގެން ކުޑަކުރަން ވެމްކޯއިން ނިންމާފައިވާއިރު ވެމްކޯއިން ބުނީ މީގެ ކުރިން ޓްރާންސްފަރ ސްޓޭޝަންތަކަށް ޢާންމުން ގެންނަ ކުންޏަށް ނަގަނީ ޓަނަކަށް 1060 ރުފިޔާ ކަމަށެވެ. އެހެންނަމަވެސް، މިއަގު އަންނަ މާރިޗުމަހުން ފެށިގެން 750 ރުފިޔާއަށް ކުޑަ ކުރުމަށް ނިންމާފައިވެއެވެ.
އަދި ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކުން، ކުނި އުކާލަން އަންނަ ކޮންމެ އުޅަދަކަށް ޢާންމުންނަށާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފަރާތުން ނަގާނީ 150 ރުފިޔާގެ ފީއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިބަދަލާއެކު މާލެ ސަރަހައްދުގައި ވެއި ބްރިޖް ޤާއިމްވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން ޢާންމުންގެ އުޅަނދުތަކަށް ޗާރޖުކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލާ ޓަނަކަށް 750 ރުފިޔާކަމަށްވެސް ވެމްކޯއިން ބުންޏެވެ. އަދި މި ފެސިލިޓީތަކަށް ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ޗާރޖުކުރާނީ 2660 ރުފިޔާކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.