ވިޔަފާރީގެ ދާއިރާގައި އަންހެން ވިޔަފާރިވެރީންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރަން ޖެހޭ: އެމްޓީއޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ވިޔަފާރީގެ ދާއިރާގައި އަންހެން ވިޔަފާރިވެރީންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރަން ޖެހޭ: އެމްޓީއޭ

ވިޔަފާރީގެ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އަންހެން ވިޔަފާރިވެރީންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރަން ޖެހޭ ކަމުހައި މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)ގެ ނައިބު ރައީސް އާމިނަތު މުޒުނީނާ ވިދާޅުވެއްޖެއެވެ.

މުޒުނީނާ މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މުޒުނީނާ ވިދާޅުވީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިއަށްވުރެ ބޮޑަށް އަޅާލެވިގެން ކަމަށާއި، މިކަންކަން ޙައްލުކުރުމަށް ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް އެޖަމްޢިއްޔާއިން ކުރާނެ ކަމުގައެވެ.

އަދި އެމްޓީއޭއިން ޚާއްޞާ އިސްކަމެއް ދީގެން ކުރާނޭ ކަންކަމުގެ ތެރޭގައި، އަންހެން ވިޔަފާރިވެރިން އުފެއްދުމާއި، ދިވެހި އިޤްތިޞާދީ އެކި ސިނާޢަތްތަކުގައި ޙަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިން ކުރިއެރުވުން ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޒުނީނާ ވިދާޅުވީ އޭގެ އިތުރުންވެސް، އިޤްތިޞާދީ އަދި މާލީ ދާއިރާގައި ޙަރަކާތްތެރިވާ ބޭރުގެ އެކި އެކި ޖަމްޢިއްޔާތަކާ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަހި ފުރުޞަޠުތަކެއް ތަނަވަސް ކޮށްދިނުމަކީވެސް އެމްޓީއޭގެ ވަރަށް މުހިންމު މަގުސަދެއް ކަމުގައެވެ.

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ރޭ ވަނީ އިފްތިތާހު ކޮށްފައެވެ. އެމްޓީއޭ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މާލޭ ސިޓީގެ މޭޔަ އާދަމް އާޒިމްއެވެ. މި ހަފްލާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންއާއި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

އަލަށް އިފްތިތާހުކުރެވުނު މިޖަމިއްޔާގެ ރައީސްއަކީ މަޑުވަރިދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުއެވެ. އަދި މިހަމިއްޔާގެ ޗެއަރޕާސަންއަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރ ސައުދުއެވެ. ޖަމިއްޔާގެ ނާއިބު ރައީސްއަކީ އަމިނަތު މުޒުނީނާއެވެ.

ރޭގެ ހަފްލާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކާގައި އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތާއި، އަދި ވޮޔަފާރަވެރިންގެ ހައްގުގައި މަސައްކަތް ކުރާނޭ ޖަމިއްޔާތައް މަދުކަން ފާހަގަ ކުރައްވާ މިފަދަ ޖަމިއްޔާއަކަށް އަދާކުރެވިދާނެ މުހިންމު ދައުރާ ގުޅޭގޮތުން އަލި އަޅުއްވާލައްވާ ވާހަކަ ދައްކަވާފައިވެއެވެ.

 

މިއަދު އޮންލައިން