މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް މިދިޔަ ސަރުކާރުން ފެށި މަޝްރޫޢުތަކުގެ %90 މަސައްކަތް ހުއްޓިފައިވާކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވީ މިސަރުކާރު އައިރު މަސްވެރިންނަށް ފައިސާ ލިބުމުގައި ލަސްތަކެއް ހުރިކަމަށާއި އައިސް ނުލިބުމާއި ސްޓޯރޭޖްގެ ކެޕޭސެޓީ ނެތްކަމަށެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށްޓަކައި މިދިޔަ ސަރުކާރުން ފަށާފައި ހުރި މަޝްރޫޢުތަކުގެ %90 މަސައްކަތް ހުއްޓިފައި ހުރިކަމަށް ކަމަށެވެ.
އޭގެތެރޭގައި ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫޢުތަކާއި އައިސް ފޯރުކޮށްދިނުމަށްޓަކައި ފަށާފައިވާ މަޝްރޫޢުތައް އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައި ހުރިކަމަށާއި މިހާރު އެފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި މަސައްކަތްތައް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސްގެ ތަސައްވުރާ އެއްގޮތަށް މަސައްކަތް ނުހިނގާ މަޝްރޫއުތައް ބާތިލުކޮށްފައިވާނެ ކަމަށާއި އެ މަސައްކަތްތައް އަވަހަށް ކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.