މާޗު 17 ގަ އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 9900 ދިވެހިން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި 2952 އޮބްޒާވަރުންނާއި 5018 މޮނިޓަރުން (ނޫސްވެރިން) އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1930 ބޭފުޅުންނާއެކު ޖުމްލަ 9900 ބޭފުޅުން އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެ އެންމެންނަކީ ދިވެހިން ކަމަށް ޙަބީބު ވިދާޅުވިއެވެ.
ޙަބީބު ވިދާޅުވީ އިންތިޚާބުތަކުގެ ވޯޓުލުމާއި، ވޯޓުގުނުމުގެ ކަންތައްތައް ހިނގަނީ، މިނިވަން ކަމާއި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ދެ ފުށް ފެންނަ ގޮތަށްތޯ ކަށަވަރު ކުރުމުގައި އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.