ޖެނުއަރީ 14 އާއި ހަމައަށް ހުރި މަސްވެރިންގެ ބިލްތައް މިއަދު ފައިސާ ދައްކާ ނިންމާނަން: މިފްކޯ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޖެނުއަރީ 14 އާއި ހަމައަށް ހުރި މަސްވެރިންގެ ބިލްތައް މިއަދު ފައިސާ ދައްކާ ނިންމާނަން: މިފްކޯ

މިއަހަރުގެ ޖެނުއަރީ 14 އާއި ހަމައަށް މަސްވެރިންގެ ބިލްތަކަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މިއަދު ދައްކާ ނިންމާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ. 

މިފުކޯއިން މިހެން ބުނެފައިވަނީ އެކުންފުނީން ކުރި އެކްސް ޕޯސްޓެއްގައެވެ. އެޕޯސްޓުގައި މިފްކޯއިން ބުނެފައިވަނީ މަސްވެރިންނަށް  ދޫކުރަމުންގެންދާ ފައިސާގެތެރެއިން 14 ޖަނަވަރީ 2024 ގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިއަދު ދައްކާ  ނިންމާނެކަމަށެވެ. ނަމަވެސް ދައްކާނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ. 

މިފްކޯގެ އެކްސް ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މިކަމުގައި މަސްވެރިންގެ ފަރާތުން މިފްކޯއަށް ލިބޭ  އެއްބާރުލެއްވުމަށް މިފްކޯގެ  ސީއީއޯ އަދި މެނޭޖްމަންޓުގެ ފަރާތުން ޝުކުރުދަންނަވާ ކަމަށެވެ. 

މިފްކޯގެ ފަރާތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް މިއަދު ދައްކާ ނިންމާނެކަމަށް ބުނެފައިވާ އިރު ދާދިފަހުން މަސްވެރިން ވަނީ އެމީހުންނަށް ލިބެންވާ ފައިސާ ނުލިބިގެންކަމަށް ބުނެ ކޫއްޑޫގައި ވަރުގަދަ އިޙްތިޖާޖެއްވެސް ކޮށްފައެވެ. 

މިއިހްތިޖާޖު ހިނގަމުން ދަނިކޮށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ކޫއްޑޫއަށް ވަޑައިގެން އިހްތިޖާޖު ކުރަމުންދިޔަ މަސްވެރިންނާއި ބައްދަލުކުރައްވާ، އެމީހުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ އަންނަ މަހުގެ 5 ގެ ކުރިން އެއްކޮށް ދީ ހަލާސްކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން