ވެންޓިލޭޓަރު މައްސަލައިގައި ދިވެހި ސަރުކާރަށް 2.1 މިލިއަން ޑޮލަރު ދައްކަން އާބިޓްރޭޝަނުން ކަނޑައަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ވެންޓިލޭޓަރު މައްސަލައިގައި ދިވެހި ސަރުކާރަށް 2.1 މިލިއަން ޑޮލަރު ދައްކަން އާބިޓްރޭޝަނުން ކަނޑައަޅައިފި

ވެންޓިލޭޓަރު މައްސަލައިގައި ދިވެހި ސަރުކާރަށް 2.1 މިލިއަން ޑޮލަރު ދައްކަން އާބިޓްރޭޝަނުން ކަނޑައަޅައިފިއެވެ.

ހެލްތު މިނިސްޓްރީ އާއި ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާތީ ދިވެހި ސަރުކާރަށް 2.1 މިލިއަން ޑޮލަރު ދައްކަން އަންގާފައިވަނީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ނެރުނު ފައިނަލް އެވޯޑުގައެވެ.

ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓަރސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2 އޭޕްރިލް 2020ގައެވެ. މި އެއްބަސްވުމާ ޚިލާފުވުމުން ބަދަލު ހޯދުމުގެ ގޮތުން ސަރުކާރުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައެވެ.

މިކަމާއިގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އާބިޓްރޭޝަނުގެ ފައިނަލް އެވޯޑުގައި އެގްޒެކިއުޓަރސް އިން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.88 މިލިއަން ޑޮލަރާއި 2 މެއި 2021 އިން ފެށިގެން ދައްކަން ޖެހޭ %2 އިންޓަރެސްޓް ރޭޓު ދައްކަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ލިކުއިޑޭޓް ޑެމޭޖަސްގެ ގޮތުގައި 223،750 ޑޮލަރާއި އެވޯޑު ނެރުނު ތާރީޚުން ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް އަރާ %2 އިންޓަރެސްޓް ވެސް އެގްޒެކިއުޓަރސް އިން ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން އެ މައްސަލަ ކުރިއަށްގެންދިޔައިރު އެގްޒެކިއުޓަރސް ކުންފުނިން އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާ ކަމަށާއި އަދި އެ މައްސަލައިގައި އާބިޓްރޭޝަންގެ ޚަރަދުގެ ގޮތުގައި އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ވެސް ނުދައްކާއިރު ހުރިހާ ފައިސާއެއް ސަރުކާރުން ދައްކާފައިވާތީ އެ ފައިސާ ހޯދުމަށްވެސް ސަރުކާރުން އާބިޓްރޭޝަނުގައި އެދިފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ވިދާޅުވެފައެެ.

މިއަދު އޮންލައިން