ފުނަދޫ އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ރަމަޟާން މަހަށްފަހު ފަށާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ އައިސް ޕްލާންޓެއް ބޭނުންވާ ކަމަށް ފުނަދޫ އާއި ށ. އަތޮޅުގެ ވެސް ގިނަ އަދަދެއްގެ މަސްވެރިން އަބަދުވެސް ދަންނަވާ ކަމަށާއި އެމަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ރަމަޟާން މަސް ނިމުމުން އައިސް ޕްލާންޓުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށާއި އުއްމީދަކީ ތިން މަސް ދުވަހުން އެ މަސައްކަތް ނިންމާލުން ކަމަށް ވިދާޅުވިއެވެ.
"ސަރުކާރެއް ލިބިފައި ރައްޔިތުންގެ މަޖިލިސް ވަކި ބަޔަކު، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއް ބޭނުންވާ ގޮތަށް މަޖިލިސް ދިޔައީމަ، އެއްކަލަ އަނެއްކާވެސް އެދިޔައީ ގާދޫކޮލުން ބޭރަށް އަޅުގަނޑުމެންގެ މިނިވަންކަން. އަޅުގަނޑުމެންގެ ފުދުންތެރިކަން. އަޅުގަނޑުމެންނަށް ތިބޭފުޅުން އިޚުތިޔާރު ކުރި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ހާސިލްވާތަނެއް ނުފެންނާނެ، އަޅުގަނޑުމެން އަތުން މަޖިލިސް ހިނގައްޖެނަމަ." ޝިޔާމް ވިދާޅުވިއެވެ.