އަޅުގަނޑުމެންނާ ހަމައަށް މިއައީ ރަންޒަމާނެއްގެ ތަސައްވުރެއް, ވައުދު ފުއްދަވާނެ ތަޖުރިބާހުރި ވެރިއެއް ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ.
އަލީ ސަލީމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ.ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެން 5 އަހަރު ބިކަވެ ނިކަމެތިވެފައި އޮތްވާ އަޅުގަނޑުމެންނާ ހަމައަށް މިއައީ ރަންޒަމާނެއްގެ ތަސައްވުރެއް. ހިތްވަރު ގަދަ ރައީސަކުގެ ވެރިކަން. ވައުދު ފުއްދަވާނެ ތަޖުރިބާހުރި ވެރިއްގެ ފުރުސަތެއް މިއައީ. އެހެންވީމަ މި ފުރުސަތުގެ ބޭނުންކޮށް ފުނަދޫގެ ރައްޔިތުން އާދޭސް ދެންނެވި ކަންކަން ކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމުކަމެއް" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ނުދީ ގެނެވޭނެ އެއްވެސް ތަރައްގީއެއް ނޯންނާނެކަމަށާއި ފުނަދޫގެ ތަރައްގީއަށް ކުރައްވާ ކޮންމެ ކަމެއްގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.