ޞިއްޙީ ދާއިރާގެ ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި ސިއްޚީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ އުޞޫލު މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ޢާންމުކުރިފަހުން ޞިއްޙީ ޚިދުމަތަށް އަނބުރާ ނުކުތުމަށް 16 މީހަކު ހުށައަޅާފައިވާކަމަށް ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ހަފްތާ-14ގެ މަގުޗާޓުގައި ޞިއްޙީ ވުޒާރާއަށް މަތިކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގިނަ ބަޔަކު ޞިއްޙީ ޚިދުމަތަށް އަނބުރާ ނިކުތުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށާޢި އަދި އެ މީހަކަށް ފަސޭހަ ގަޑިއެއްގައި ޚިދުމަތަށް ނިކުތުމުގެ މަގު އުޞޫލުގެ ދަށުން ފަހިވާނެކަމަށް ވިދާޅުވިއެވެ. އަދި ޚިދުމަތް އަދާކޮށްދޭން ބޭނުންވާ މުއައްސަސާއަކާ ވާހަކަދައްކައިގެން ފަސޭހަ ގަޑިއެއް ހަމަޖެއްސޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޞިއްޙީ ޚިދުމަތާ ދުރުގައިތިބި ފަރާތްތަކަށް އަލުން އަނބުރާ ޚިދުމަތާ ގުޅުމުގެ މަގު ފަހިކޮށްދެއްވުމަށް އުޞޫލު ޢާންމުކުރި ފަހުން 1 މީހަކަށް ވަޒީފާ ލިބި، ވަޒީފާގައި ދާއިމީވެފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"އެއް ބޭފުޅަކު ވަނީ ވަޒީފާއަށް ނުކުމެފައި. އެބޭފުޅާ މިހާރު ވަނީ ދާއިމީ މަޤާމަކަށް ހަމަޖެހިފައި. ޖުމްލަ 16 ބޭފުޅުން ކުރިމަތިލައްވާފައި އެބައޮތް." ވަޒީރު ވިދާޅުވިއެވެ.