އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލުވުމުން އިތުރު 560 މީހުންނަށް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ ހަބީބު ވިދާޅުވީ ތާރީޚަށް ގެނައި ބަދަލާއެކު މަޖިލިސް އިންތިޚާބުގައި 560 މީހުންނަށް އަލަށް ވޯޓުލުމުގެ ޙައްގު ލިބޭނެ ކަމަށެވެ. އެހެންކަމުން މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ އަދަދު 284،887 އަށް ވަނީ އަރާފައެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ދެވަނަ ފުރުސަތެއް ހުޅުވާލާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ބުރާސްފަތި ދުވަހުއެވެ. އެ އިސްލާހުގައިވާގޮތުން އެއްވެސް އިންތިޚާބެއް ރަމަޟާން މަހުގެ ތެރޭގައި ނުބޭއްވޭނެއެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމި އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ.