އެކަކަށްވުރެ ގިނަ މީހުންދެކެ ލޯބިވާކަމަށާ ކައިވެނިކުރާނެ ކަމަށް އެންމެންގެ ގާތުގައި ބުނާ އަންހެނުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
އެކަކަށްވުރެ ގިނަ މީހުންދެކެ ލޯބިވާކަމަށާ ކައިވެނިކުރާނެ ކަމަށް އެންމެންގެ ގާތުގައި ބުނާ އަންހެނުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

ފިރިހެނުން އަދި އަންހެނުންގެ ތެރޭގައިވެސް އެކަކަށްވުރެ ގިނަ މީހުންދެކެ ލޯބިވާކަމަށާއި ކައިވެނިކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން އުޅޭ މީހުން އުޅެއެވެ. ބައެއް ފަހަރު މިފަދަ މައްސަލަތައް ކުރިމަތިވަނީ ގިނަބައަކާއި ގުޅުން އުފައްދައިގެން އުޅެން ހަދައިގެން އެންމެ ރަނގަޅީ ކާކުކަން ކަނޑައަޅަން ނުއެނގުމުންނެވެ. ހަމައެފަދައިން ބައެއް މީހުން އެގޮތަށް ކަންތައް ކުރަނީ ގިނަ މާތަކަކުން ފޮނިބޯން ބޭނުންވާތީއެވެ. 

ތިރީގައިވާ ވާހަކައަކީ މިފަދައިން ކަންކަން ކުރެވޭ ކޮންމެ މީހަކަށްވެސް ޢިބްރަތްތެރި ވާހަކައެކެވެ. ގިނަ ފަހަރު ދިމާވާނީ މިފަދަ ގޮތެކެވެ. ޙަޤީޤަތް ފަޅާއެރުމުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ވިދާޅުވެލައްވާށެވެ! 

އޭނާ އުޅުނީ ދެ ޒުވާނަކު ދެކެ ލޯބިވެގެންނެވެ. ދެޒުވާނުން ދެކެވެސް އިންތިހާއަށް ލޯބިވެއެވެ. އެހެންކަމުން ކައިވެނިކުރާނީ ކާކާކަމާއި ވަކިވާންވީ ކާކާކަމާއިމެދު ގޮތެއް ނިންމުން އޭނާއަށްވީ ވަރަށް ދަތިކަމަކަށެވެ. 

ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އެއްވެސް އަންހެނެކަށް ދެފިރިން ހުއްދަނުވާނެކަމާއި ކައިވެނިކުރަންޖެހޭނީ އެކަކާކަމާއި އެކަމަށް އަވަހަށް ގޮތެއް ނުނިންމައިފިނަމަ ވަރަށް ދެރަގޮތެއް މެދުވެރިވެދާނެކަން އޭނާގެ އެކުވެރިން ގެންދިއައީ ވިސްނައިދެމުންނެވެ. ނަމަވެސް އޭނާ ބުނަމުން އައީ ގޮތެއް ނިންމަން ވަރަށް އުނދަގޫކަމަށާއި ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތުގައި ކަމަށެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް ދެމީހުންވެސް އޭނާ އާއި ކައިވެނިކުރަން ބޭނުންވުމުން ދެމީހުން ގާތުގައިވެސް ބުނީ ކައިވެނިކުރާނެ ކަމަށެވެ. އެހެންވެ ދެމީހުންވެސް ދިއައީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. 

އެންމެފަހުކަމެއްގެ ގޮތުން ޒުވާނާގެ މައިންބަފައިންނަށް އޭނާ ތަޢާރަފްކުރަން ބޭނުންވުމުން އެގެއަށް އޭނާދިއައެވެ. ޒުވާނާގެ މައިންބަފައިން އޭނާ ބަލައިގަތެވެ. އަދި ކައިވެނި އަވަސްކުރަންވެސް ބުންޏެވެ. 

އަނެއްރޭ ދިއައީ ދެވަނަ ޒުވާނާގެ މައިންބަފައިންނާއި ބައްދަލުކުރާށެވެ. ގެއަށް ގެންގޮސް މައިންބަފައިންނަށް ދައްކައި އޭނާ އާއި ކައިވެނިކުރަން ބޭނުންކަމަށްބުނެ ރުހުން ދިނުމަށް އެދުމުން މަންމަ ޢާއި ބައްޕަ ބުނީ ރުހުން ދޭން ވަރަށް އުނދަގޫ ކަމަށެވެ. ސަބަބަކީ އަންހެން މީހާއަކީ ދަރިފުޅުގެ ބޭބެވެސް ކައިވެނިކުރަން އުޅޭ އަންހެން މީހާކަމަށްވާތީ ކަމަށެވެ. ބޭބެ ވަނީ ތިއަ އަންހެން މީހާ ރޭ މިގެއަށް ގެނެސް އަހަރެމެންނަށް ތަޢާރަފްކޮށްދީ ރުހުން ހޯދާފައި ކަމަށެވެ. 

އެހިސާބުން ޒުވާނާ ދިއައީ ސިއްސައިގެންނެވެ. ބޭބެއަށް ގުޅައި ބޭބެ ގެއަށް ގެނުވައިފިއެވެ. ހުރިހާ ކަމެއް ފަޅާއަރައިފިއެވެ. އެހިސާބުން ދެބެއިން މަޝްވަރާކޮށްލާފައި ނިންމީ ދެބެއިންކުރެ އެކަކުވެސް އޭނާ އާއި ކައިވެނި ނުކުރުމަށެވެ. އެއީ އެކަމުގެ ސަބަބުން ދެބެއިންގެ ހިތުގައި އުފެދިދާނެ ޙަސަދަވެރިކަމަކުން ސަލާމަތްވުމަށެވެ. ފަހުން އުފެދިދާނެ ފިތުނައަކުން ސަލާމަތްވުމަށެވެ! 

އަންހެން ކުއްޖާއަށް އޭނާ އެހައި ލޯބިވީ ދެމީހުން އެއްފަހަރާ އެކުއެކުގައި ގެއްލުނީއެވެ. އެއްވެސް ޝަކުވާއެއް ކުރެވޭކަށް ނެތެވެ! ހުރިހާ ކުށެއްވެސް ކުރެވުނީ ހަމަ އޭނާއަށްކަމަށްވާތީއެވެ! 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިޔާއަށްވެސް ހަމަ މިފަދަ ކަމެއް މެދުވެރިވިއެވެ. އޭނާ ދެމީހުން ދެކެ އެއްފަހަރާ ލޯބިވެގެން 2 އަހަރު އުޅުނެވެ. 3 މީހުން އެކުގައި ތަންތަނަށްވެސް ގޮސްއުޅުނީމެވެ. ނަމަވެސް އޭނާގެ މޮޅުކަމުން ދެމީހުންނަށްވެސް އޮތީ އޮޅުވާލައިފައެވެ. ފަޅާއެރީ ކައިވެނިކުރަން އަޅުގަނޑު އުޅުމުންނެވެ. އެހިސާބުން ބޭޒާރުވާނެކަން އެނގޭތީ އަމިއްލައަށް އެއްބަސްވެ މާފަށް އެދުނީމައެވެ. 

އޭނާވެސް ދެއްކީ ހަމަ އެއްބާވަތެއްގެ ވާހަކަތަކެކެވެ. ދެމީހުންވެސް އޭނާއަށް ރަނގަޅުކަމުން ގޮތެއް ނިންމަން އުނދަގޫވީއެވެ. އެއީ ވެސް ހަމަ ވެދާނެ ގޮތެއް ކަމަށް ބަލައި އަޅުގަނޑުމެން ދެ އެކުވެރިންވެސް އޭނާއަށް މާފުކުރީމެވެ. ނަމަވެސް ދެމީހުންވެސް އޭނާ އާއި އެގޮތުން ވަކިވީއެވެ. ހަމަ މިވާހަކައި އެބުނާ ސަބަބުތަކަށްޓަކައެވެ. 

- އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން