އަނބިމީހާގެ ޙަޤީޤަތް ހޯދަން ބޭނުންވެ މަންމަގެ އެހީތެރިކަމަށް އެދުމުން މަންމަ ބުނެދިން ބަރާބަރު "ފަންޑިތަ"- ވަރަށް ކާމިޔާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
އަނބިމީހާގެ ޙަޤީޤަތް ހޯދަން ބޭނުންވެ މަންމަގެ އެހީތެރިކަމަށް އެދުމުން މަންމަ ބުނެދިން ބަރާބަރު "ފަންޑިތަ"- ވަރަށް ކާމިޔާބު!

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން މައިންގެ ލަފާ ހޯދުމަކީ ކުރަން ރަނގަޅުކަމެއްތޯ؟ މިސުވާލު މިކުރަނީ ދަރިފުޅުގެ ކައިވެނި ރޫޅުވާލަން ބޭނުންވާ މައިންވެސް ތިބޭތީއެވެ.  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް މަންމަ ދެނެގަންނާށެވެ! މަންމައަކީ ހެޔޮލަފާ މީހަކުކަމުގައިވެއްޖެނަމަ ނުބައި ނަޞޭޙަތެއް ނުދޭނެއެވެ. ދަރިފުޅުގެ ކައިވެނި ރޫޅޭކަށް ބޭނުމެއް ނުވާނެއެވެ.  

ދެން ބުނެލަން ބޭނުންވަނީ ނުބައި މައަކު ނުބައިކަމެއް ކުރީތީ މަންމައިން ކުށްވެރިނުކުރާށެވެ! ގިނަވާނީ ވަރަށް ހެޔޮލަފާ މައިންނެވެ. އެމީހުންގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ދަރިން ދެކެ ލޯބިވާ މައިންނެވެ.  

ތިރީގައިވާ ވާހަކަވިދާޅުވެލައްވާށެވެ! ޚާއްޞަކޮށް މަންމަ ދިން ނަޞޭޙަތަށް ވިސްނަވައިލައްވާށެވެ! ހެޔޮ ލަފާ މައިން ދޭނީ ދަރިންނަށް ފައިދާކުރާނެ ހެޔޮލަފާ ނަޞޭޙަތެވެ.  

އަހަރެންނަށް ލިބުނު މީހާވީ އެންމެ އަގުބޮޑު، އެންމެ ފަހުގެ އުފެއްދުންތައް އަބަދުވެސް ބޭނުންވާ އަންހެނަކަށެވެ. އެއިގެ އިތުރުން ވަރަށް ގިނައިން ފައިސާއަށްވެސް އެދެއެވެ. އަހަރެންގެ ކިބައިގައި ތަނަވަސްކަން ހުރުމުން އެއީ މާބޮޑުކަމަކަށްނުވިނަމަވެސް އެކަމާއިމެދު ވިސްނެން ފެށިއެވެ.  

އުފެދޭ ސުވާލަކީ މިހާބޮޑެތި ޚަރަދުތައް މިކުރެވެނީ ހަމަ އަހަރެންދެކެ ލޯބިވާ އަންހެނަކަށް ހެއްޔެވެ؟ ނޫނީ އެއްޗެތީގެ ދަހިވެތިކަމުގައި އުޅޭ އަންހެނަކަށް ހެއްޔެވެ؟ ޙަޤީޤަތް އޮޅުން ފިލުވަން ވަރަށް ބޮޑަށް ބޭނުންވިއެވެ.  

އެންމެފަހުން ގޮސް މަންމަ އާއި ބައްދަލުކޮށް މިވާހަކަތައް ކިޔައިދިނީމެވެ. މަންމަ ބުނީ ކެތްތެރިވުމަށާއި އަވަސްއަރައިނުގަތުމަށެވެ. އަދި އެއްވެސް މީހަކާއިމެދު ނުބައިކޮށް ހީނުކުރުމަށެވެ. ދެން ޢަމަލުކުރަންވީ ގޮތްވެސް ކިޔައިދިނެވެ.  

އެއްދުވަސްވަންދެން ގެއަށް ނުވަދެ އުޅެފައި ގެއަށް ގޮސް އަނބިމިހާ ގާތުގައި ވަރަށް ލޯބިން ބުނީމެވެ. "ކަންކަން މުޅިން ގޯސްވެއްޖެއެވެ. ވިޔަފާރިން ވަރަށް ބޮޑަށް ގެއްލުންވެއްޖެއެވެ. ބަނގުރޫޓުވެއްޖެއެވެ. މިވަގުތު ކަންކަން ހުރި ގޮތުން ވަރަށް އަވަހަށް ފައިސާކޮޅެއް ބޭނުންވާތީ މިގެވެސް ވިއްކާލަން ޖެހިއްޖެއެވެ. އެހެންވީމާ މާދަމާ އަހަރެމެންނަށް ޖެހޭނީ މަންމަގެ ގެއަށް ބަދަލުވާށެވެ!"  

އަނބިމީހާ ދިއައީ ފުންމައިގެންނެވެ. "މަންމަ ގާތަށް ގޮހެއް ނޫޅެވޭނެ! ދެން ކިހިނެއް އަހަރެން ބޭނުންވާ ކަންކަން ކަލެއަށް ކޮށްދެވޭނީވެސް! ކިހާދެރަ! އުމުރުން ދެއަހަރު ކަލޭކަހަލަ ފިރިއަކާއެކު ނަގާލެވުނީތީ! ވަރިކޮށްލާ! އަހަރެން މިރޭވެސް ބޭނުމީ އަހަރެންގެ މައިންބަފައިންގެ ގާތަށްދާން!"

ވަގުތުން ވަރިކޮށްލީމެވެ! އަދި ގެއިން ނެރެލުމަށްފަހު ބުނީމެވެ. "ދެންވެސް މީހަކާ ކައިވެނިކޮށްފިނަމަ ރަނގަޅު ދިރިއުޅުމެއް އުޅެން މަސައްކަތްކުރާށެވެ! ތިމާ އާ އެކަށީގެންވާވަރަށް ކަންކަމަށް އެދޭށެވެ! އިރާދަކުރެއްވީތީ އަހަރެން ފަޤީރުވީއެއް ނޫނެވެ! ކަލޭގެ މަކަރުވެރިކަން އިމްތިޙާނުކޮށްލުމުން އެއްފަހަރުން ފޭލްވީއެވެ! އަވަހަށްދާށެވެ!"  

އެހެން ބުނެފައި ދޮރުލެއްޕުމުން އެތައް އިރެއްވަންދެން ދޮރުގައި ތެޅިއެވެ. ރޯއަޑުވެސް އިވެއެވެ. ނަމަވެސް އަހަރެންނަކަށް އެއްވެސް އަސަރެއް ނުކުރާތީ އަޑު އިވޭކަމަކަށްވެސް ނުހަދަމެވެ.  

އަހަރެން ރަނގަޅު އަންތބަކު ހޯދައިގެން އަލުން ދިރިއުޅެން ފެށީއެވެ. ކުރީގެ އަނބިމީހާ ބަދަލުވީ ބޭނުންތައް ފުއްދަން ފައިސާ ހޯދަން ފިރިހެނުން ހޯދަން ދުވާ އަންހެނަކަށެވެ.  

ސޯޝަލް މީޑިއާއިން މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ މިފަދަ ހިތް ނުފުރޭ އަންހެނުން ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ތިބުމުންނެވެ. ހަމަ އެއާއިއެކު މިފަދަ ކަންކަން މެދުވެރިވުމުން މައިންނާ މަޝްވަރާކުރުން އަޅުގަނޑުމެންގެ ތެރޭގައި މަދުކަމުންނެވެ.  

ބުނެލަން ބޭނުމީ މައިންގެ އަގުވަޒަންކުރާށެވެ! މައިންގެ ލަފާވެސް ހޯދާށެވެ! ވަކިކަމެއްގައެއް ނޫނެވެ. ދިރިއުޅުމުގައި މެދުވެރިވާ ކޮންމެ ކަމެއްގައިވެސް ހެޔޮލަފާ މައިން ދޭ ނަޞޭޙަތް ޤަބޫލުކުރާށެވެ! ޙައްލު ފެންނާނެއެވެ! އިންޝާ ﷲ 

އަޅުގަނޑުގެ 3 ދަރިން ތިބެއެވެ. 2 ދަރިންގެ ކައިވެނީގައި މައްސަލަތައް ޖެހުނެވެ. އަޅުގަނޑު ދިން ނަޞޭޙަތް ޤަބޫލުކުރި ދަރިފުޅު ކާމިޔާބުކުރިއެވެ. ޤަބޫލުނުކުރި ދަރިފުޅަށް ޖެހުނީ ހިތާމަކުރާށެވެ!  

- ޒީނިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން