ޒުވާނުންގެ ޚިޔާލުތައް ކުރިއަރުވާ އެކި މަޝްރޫޢޫތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރުން އެހީތެރިވެދޭނެކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޔޫތު ހެކަތޯން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒުވާނުންނަށް ދިމާވާ އުނދަގޫތައް ފާހަގަކުރައްވާ މިނިސްޓަރ ވަޙީދު ވަނީ ޒުވާނުން ބޭނުންވާ މަސައްކަތް ކުރާނެ ތަނެއް ނެތުމުގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ހައްލުކުރަން މި ސަރުކާރުން ދިވެހި ޒުވާނުންނަށް މަސައްކަތް ކުރެވޭނެ އޮފީސް މާހައުލެއް ފަހިކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުންގެ ޚިޔާލާއެކު ހިއްލާލަދޭނެ ވިޔަފާރިވެރިން. ވީހާވެސް ގިނަ ހެކަތޯންތައް ބާއްވާ ޚިޔާލުތައް ހުށައަޅާ ރަނގަޅު ފެންވަރުގެ ޕްރޮޑަކްޓްތައް ނެރެވިދާނެ. ވީވަރަކުން ބަލާނަން އަޅުގަނދުމެންގެ ސަޕޯޓް ދެވޭތޯ." މިނިސްޓަރ ވަޙީދު ވިދާޅުވިއެވެ.
30 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ހެކަތޯންގައި ޖުމްލަ 10 ޓީމެއް ބައިވެރިވެ ޚިޔާލު ހުށައަޅާފައިވެއެވެ.