މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުނުކުރަން ތަކުރާރުކޮށް އިލްތިމާސްކުރި ނަމަވެސް، އެ ކަނޑުއޮޅި ބޭނުންކުރުން ނުހުއްޓޭތީ، އެ ދެ ކަނޑުއޮޅި ބަންދުކޮށް، ދަތުރުކުރާ ފަރާތްތަކުގެ ލައިސެންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ދީފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އެ ދެ ކަނޑުއޮޅި ބަންދުކުރި ނަމަވެސް އަދިވެސް މި ދެ ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، ވަކިން ޚާއްސަކޮށް ރިޒޯޓްތަކުގެ ސްޕީޑުބޯޓުފަހަރު މި ދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ތިލަމާލޭ ބްރިޖްގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ ސަބަބުން މި ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ މި ދެ ކަނޑުއޮޅި ބަންދު ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން މިއަދު ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެއްޖެނަމަ އެފަރާތެއްގެ ލައިސަންސް 1 މަސްދުވަހަށް ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ގޮތަށް މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅީފަޅު ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެ ކަމަށެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ ބްރިޖު މަޝްރޫއުގެ މަސައްކަތްތަކަށް އެ ސަރަހައްދުގައި ބާޖުތަކާއި ސެލްފް އެލެވޭޓެޑް ޕްލެޓުފޯމުތައް ބޭނުން ކުރަމުންދާ ކަމަށާއި، މި ދެ ކަނޑުއޮޅީގައި ގިނަ އަދަދެއްގެ ބައިތައް ހަރުކުރުމަށް ނަގިލިތަކާއި ވާތައް އަޅާފައި އޮތުމުން ކަނޑު އޮޅި ބޭނުން ކުރާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމަށްވެސް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.