މުވައްޒަފުންނަށް ރޯދަ ހަދިޔާ ދޭންވާނީ ކޭޝްފްލޯއަށް އަސަރު ނުކުރާ ގޮތަށް ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގަވައިފިއެވެ.
މިކަމާގުޅިގެން އެ ބޯޑުން ނެރުނު ބަޔާނެއްގައި ވަނީ ރަމަޟާންމަހާ ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުުންނަށް ދޭނަމަ އަދި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވާނަމަ، ކޭޝްފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ސަމާލުކަން ދިނުމަށާއި ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތަށް ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަަމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.
ޕީސީބީގެ ސާކިއުލާގައި ބުނެފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންކަމަށެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ފިޔަވައި ދެވަނަ ދުވަހުން ފެށިގެން ރަމަޟާންމަހު ތެރޭގައި އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި އެ އަދަދަށް އިނާޔަތެއް ދިނުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ.
ޕީސީބީއިން ވިދާޅުވީ، މިއަހަރުގެ ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް 3000 ރުފިޔާއަށްވުރެ ގިނައިން ނުވަތަ މަދުން އިނާޔަތުގެ ފައިސާ ދީފައިވާނަމަ، މާރިޗުމަހުގެ މުސާރަ ދޭއިރު އެ ބައި އެޖަސްޓުކުރަން ޖެހޭނެ ކަމަށެވެ.