މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަދާ ހަމައަށް ގަވާއިދާ ހިލާފަށް އުޅޭ 817 ބިދޭސީން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގެ "ހޯމް ޓީމުން" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން 527 މީހުން ރީއިންޓަގްރޭޓް ކުރެވި، 290 މީހުން ޑީޕޯޓްކޮށްފައިވާ ކަމަށެވެ. މުޅި ޖުމްލަ 817 ބިދޭސީން ރާއްޖެއިން ފުރުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި 20 ދުވަހު މުހިންމު ހަ ރެއިޑް އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި ފުލުހުންގެ އިންޓެލިޖަންސް ގުޅިގެން ތިން އޮޕަރޭޝަން ހިންގާފައިވާ ކަމަށް ޝައްމާން ވިދާޅުވިއެވެ. މި އޮޕަރޭޝަންތަކުގައި 49 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި 46 ފިރިހެނުންނާއި 3 އަންހެން ހިމެނެއެވެ.
މީގެއިތުރުން 75 ބިދޭސީން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެނެސް ފުރުވާލުމުގެ މަސައްކަތް ކުރި ކަމަށާއި 68 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން އަމިއްލައަށް ފުރަން ބޭނުންވެގެން 113 ބިދޭސީއަކު ފުރުލާފައިވާ ކަމަށް ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ މިވަގުތު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި 122 ބިދޭސީން ތިބި ކަމަށެވެ.
ޑިޓެންޝަން ސެންޓަރުގައި ތިބި ބައެއް ބިދޭސީންގެ ތަފްސީލަށް ބަލާލާއިރު،ބަންގްލަދޭޝް 103 މީހުން ތިބިއިރު އިންޑިއާ 4 މީހުން، ސްރީލަންކާ 4 މީހުން، ނޭޕާލް 3 މީހުން އެބަތިއްބެވެ.
ޝައްމާން ވިދާޅުވީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެފަދަ ބިދޭސީން އަތުގައި ޕާސްޕޯޓް ނޯންނަ މައްސަލަ ނުވަތަ ޕާސްޕޯޓް ގެއްލުވާލާފައިވާ މައްސަލަ ކަމަށެވެ.