ހުޅުމާލޭގައި ހަދާ ކޯޓު ކޮންޕްލެކްސް ރޯދަ މަސް ނިމުމުގެ ކުރިން ނިންމާ، އެ ކޯޓާ ހަވާލުކުރުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިއީ މިހާރު ޖިނާއީ ކުށްތަކާ ގުޅޭ މައްސަލަތައް ކުރިއަށް ގެންދާ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހޯމްލޭންޑް މިނިސްޓަރީން ނިންމާފައިވާ ކޯޓެކެވެ.
އިހްސާން މިފަދައިން ވިދާޅުވީ މިިހާރު ހޯމް ޓީމްގެ އިން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވާނުވާ ބަންދުގައި ރިމާންޑް ޖަލުގައި ތިބެން ޖެހޭ ކަމީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ސަރުކާރުގެ ހުރިހާ ދިމާލެއް ގުޅިގެން އެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުކުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން މީހުން ޖަލުގައި ތިބުމަކީ އެއީ އެންމެ އެދެވޭ ގޮތެއް ނޫން ކަމަށާއި އެކަމަށް އެންމެ އަވަސް ހައްލެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުންދާ ކަމަށް އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ އެގޮތުން އެޓާނީ ޖެނަރަލްގެ އޮފީހުން ރައީސްގެ އެންގެވުމާ އެއްގޮތަށް ބެލްގެ ގާނޫނަށް ގެންނަން ޖެހޭ އަވަސް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށާއި ޖިނާއީ އިޖުރާތުން ގާނޫނުލް އުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ވާނުވާގައި ގިނަ ދުވަސްތަކެއް ވަންދެން ނުތިބެވޭ ގޮތަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ.
އިހްސާން ވިދާޅުވީ އެ މައްސަލާގެ އަސްލަކީ ކޯޓުތަކުގައި މައްސަލަ ދިގުލައިގެން ދިއުން ކަމަށްވާތީ ކޯޓުތަކާ ގުޅިގެން މައްސަލަ އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުން ކްރިމިނަލް ކޯޓަށް ދިމާވެގެން އުޅޭ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މިހާރު ސަރުކާރުންވަނީ ހުޅުމާލޭގައި ގާއިމުކުރެވުނު ކޮވިޑް ފެސިލިޓީގައި ކޯޓް ކޮންޕްލެކްސްއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އަމާޒަކީ ރޯދަ މަސް ނިމެންވާއިރަށް އެ ތަން ނިމި، ކްރިމިނަލް ކޯޓާ އެތަން ހަވާލުކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުން ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.