ކުޑަކުޑަ އާމްދަނީއެއް ލިބޭ ދިވެހިންނަށް މާލީ އެހީގެ ގޮތުގައި ފައިސާގެ އަދަދެއް ދޭން ބިލެއް ހުށަހަޅައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކުޑަކުޑަ އާމްދަނީއެއް ލިބޭ ދިވެހިންނަށް މާލީ އެހީގެ ގޮތުގައި ފައިސާގެ އަދަދެއް ދޭން ބިލެއް ހުށަހަޅައިފި

ކުޑަކުޑަ އާމްދަނީއެއް ލިބޭ ދިވެހިންނަށް "ހައުސިން ބެނެފިޓް"ގެ ގޮތުގައި ފައިސާގެ އަދަދެއް މާލީ އެހީގެ ގޮތުގައި ހައުސިން މިނިސްޓަރު ކަނޑައަޅައި ދޫކުރަން ޖެހޭ ގޮތަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލު މިއަދު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.

އެ ބިލުގައި، ފައިސާގެ އަދަދެއް މިނިސްޓަރު ކަނޑައަޅަން ޖެހޭ ކަމަށާއި އަދި ތަފާތު ގިންތިތަކަށް ތަފާތު އަދަދުތަށް ކަނޑައެޅުމުގެ ބާރު ވެސް މިނިސްޓަރަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

ތަފާތު އަދަދުތައް ކަނޑައަޅާ ހާލަތުގައި ކަނޑައެޅޭ ފައިސާގެ މިންވަރުތައް ލިބުމަށް ޝަރުތު ހަމަވާ ފަރާތްތައް ނިންމާނީ އެ ފަރާތްތައް ގިންތިތަކަކަށް ބަހާލައި ޕޮއިންޓް ދެވޭ އުސޫލުތައް ބަޔާންކޮށް، ހަދާ ގަވާއިދެއްގެ ދަށުން ކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ. ޕޮއިންޓް ދިނުމުގެ އުސޫލު ކަނޑައެޅުމުގައި އެ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި ގޭބިސީއެއްގައި ދިރިއުޅޭ ފަރާތްތަކުގެ އަދަދަށާއި އެ ގޭބިސީއެއްގެ ބޭނުންތަކަށް ބިނާކޮށް ދިރިއުޅޭ ތަނުގެ ނިދާ ކޮޓަރީގެ އަދަދުތަކަށް ރިއާޔަތް ކުރަން ވާނެ ކަމަށްވެސް ބިލްގައިވެއެވެ.

ޝަރުތު ފުރިހަމަވާ މީހުންނަށް ހައުސިން ބެނެފިޓް ދޫކުރެވޭނީ ގަވާއިދުގައި ބަޔާން ކުރާ ގޮތެއްގެ މަތީން މަހުން މަހަށް ދޫކުރެވޭ މާލީ އެހީއެއް ގޮތަށް ކަމަށާއި އެކި ގިންތީގެ ފަރާތްތަކަށް ދޫކުރެވޭ ހައުސިން ބެނެފިޓް ދޫކުރެވޭނެ ގޮތްތަކާއި އިތުރަށް ދެއްކޭ އަދަދުތައް އަޅައިކެނޑޭނެ ގޮތްތަކާއި މަދުން ދެއްކޭ އަދަދުތައް ފަހުން ދައްކާނެ ގޮތުގެ އުސޫލުތައް ވެސް ގަވާއިދުގައި ބަޔާންކުރަން ޖެހެއެވެ.

ހައުސިންގް ބެނެފިޓް ދޫކުރާނީ ދަފްތަރެއް އެކުލަވާލައިގެން ކަމަށްވާއިރު ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅާއިރު ހިމަނަންޖެހޭ މައުލޫމާތުތައްވެސް ވަނީ އެކުލަވާލާފައެވެ. އެގޮތުން ގަވާއިދުގައި ބަޔާންކުރާ، މިލްކުވެރިކަމުގެ ދަށުގައި ހުރި މުދަލާ ބެހޭ މައުލޫމާތާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އާމްދަނީގެ މައުލޫމާތާއި ބޭންކު އެކައުންޓުގެ މައުލޫމާތު، އަދި ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ބޭންކު ސްޓޭޓްމަންޓްގެ އިތުރުން ކުލީގެ އެއްބަސްވުން ހުށަހަޅަން ޖެހެއެވެ.

މިއަދު އޮންލައިން