ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާއަށް ހެއްލެވި ޢާއިލާގެ ނަން ހުތުރުވާފަދަ ކުށެއް ކުރެވުމުން ޢާއިލާއިން ބާކީކޮށްލި އަންހެނަކަށް އެތައް ބައިވަރު މައިންބަފައިންނާ ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 54ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާއަށް ހެއްލެވި ޢާއިލާގެ ނަން ހުތުރުވާފަދަ ކުށެއް ކުރެވުމުން ޢާއިލާއިން ބާކީކޮށްލި އަންހެނަކަށް އެތައް ބައިވަރު މައިންބަފައިންނާ ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

ލޯބިވެރިޔާ އެދުނަސް، ބޮސް އެދުނަސް އަދި ކޮންމެ މީހަކު އެދުނަސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ފާފައެއް ނުކުރަން ބާރުއަޅުއްވައި ޢިލްމުވެރިން ދެއްވަވާ ނަބޭޙަތްތައް އަބަދުހެން މިގެންދަނީ ކިޔުންތެރިނަށް ފޯރުކޮށްދެމުންނެވެ. ގިނަ ބައަކަށް ފާފަތައް ކުރެެވނީ އެއީ ފާފައެއްކަން ނުއެނގިއެއްވެސް ނޫނެވެ. ކުރަން އުޅޭ ފާފަ ޝައިޠޯނާ ގިރިތީކޮށްލުމުން ހެއްލެވި ފާފަކުރެވެނީއެވެ.  

މީސްތަކުންނަށް ކަންކަން ވިސްނައިޑޭން ޢާންމުގޮތެއްގައި މިއޮންނަނީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ ދީނުގައި ބަޔާންވެގެންވާ ޙުކުމްތައް އަންގައިދީ ހޭލުންތެރިކުރުވުމެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވާން ހިތްވަރުދިނުމެވެ. ދެވަނަ ގޮތަކީ ޢިބްރަތްތެރި ވާހަކަތަކުން ފިލާވަޅުތައް އަންގައިދީ ހޭލުންތެރިކުރުވަން މަސައްކަތްކުރުމެވެ. މި 2 މަސައްކަތްވެސް މިއަދުނޫހުން މިގެންދަނީ ކުރަމުންނެވެ.  

ތިރީގައިވާ ވާހަކައަކީ ލޯބިވެގެން އުޅޭ މީހުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ފުރަތަމަވެސް ވިސްނައިލަންވީ ލޯބިވެރިޔާގެ މަޅީގައި ޖެހި ފާފަކުރެވުމުން ކުރެވުނު ފާފައިގެ މައްޗަށް އިތުރު ފާފައެއް ނުކުރަން އޭނާ ކުރި ހިތްވަރަށެވެ. އެކަމަށް ކުރިމަތިލައި ޢަމަލުކުރި ގޮތަށެވެ. އެކަމުން ލިބުނު އުފާވެރިކަމަށެވެ. 

ދެން ބަލައިލަންވީ ޢާއިލާއިން އޭނާ ބާކީކޮށްލިނަމަވެސް މައިންބަފައިންނަށް އެހީތެރިވެދޭން އޭނާއަށް ލިބުނު ފުރުޞަތުގައި އެމީހުންނަށް މާފުކޮށް އުފަލުން މަރުޙަބާކީ ކަމެވެ.  

ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ!  

އަޅުގަނޑަށް ވެސް ކުށެއް ކުރެވުނެވެ. އެކުށަކީ ލޯބިވެވުނު މީހާ ދެއްކި ވާހަކަތަކަށް އިތުބާރުކުރެވުނުކަމެވެ. އޭނާ އެދޭހައިކަމަކަށް އެއްބަސްވެވުނުކަމެވެ. އެކަމުގެ ނަތީޖާއަކަށްވީ އެއީ ކިތަންމެ ނުބައި ކަމެއް، އަދި ލަދުވެތިކަމެއް ނަމަވެސް ދަރިއަކަށް ބަލިވެއިނުމެވެ.  

އެކަން އެނގުމުން މައިންބަފައިންވެސް އަދި އެކުވެރިންވެސް ބުރަވީ ދަރިފުޅު ވައްޓައިލުމަށެވެ. ނަމަވެސް އަޅުގަނޑު އެގޮތް ބޭނުމެއް ނުވިއެވެ. އެއީ ދުނިޔޭގެ ލަދަށްވުރެ އާޚިރަތް ދުވަހުގެ ޢަޛާބަށް ބިރުގަންނާތީއެވެ.  

އެއިރު އަޅުގަނޑުގެ އުމުރަކީވެސް 20 އަހަރެވެ. އުޅުނީވެސް ވަޒީފާއެއްގައެވެ. ވަޒީފާ އަދާކުރިތަނުން އަޅުގަނޑު ވަތްކެއް ނުކުރެއެވެ. ނަމަވެސް ބަނޑުބޮޑުވާންފެށުމުން ދާންލަދުގަތީއެވެ. ވަޒީފާއިން ވަކިވީ އެހެންވެގެންނެވެ.  

އެއިރު އަޅުގަނޑަށް އެއްކުރެވިފައި ހުރީ ވަރަށް މަދު ފައިސާކޮޅެކެވެ. ނަމަވެސް ވިހައި ގަދަވަންދެން ހަމަޖައްސައިލެވޭނެ ކަމަށް ބަލައި ރާއްޖެތެރޭގައި ހުރި އަޅުގަނޑުގެ އެކުވެރި އަންހެންކުއްޖަކަށް ގުޅައި އަޅުގަނޑަށް ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. އަދި ވިހައި ގަދަވަންދެން އޭނާގެ ގާތުގައި ބައިންދާލަދިނުމަށް އެދުނީމެވެ. އޭނާއަކީ ސްކޫލް އިރުންސުރެ އެއްބަނޑު ކުއްޖެފަދަ ގާތްކޮށް އުޅުނު ކުއްޖަކަށްވާތީ ވަގުތުން މަރުޙަބާ ކިޔެވެ.  

އެރަށަށް އޭނާގެ ގާތަށް ދިއައީ ބަލިވެއިނުމާއި ގުޅިގެން މައިންބަފައިން އަޅުގަނޑުދެކެ އެއްވެސް ވަރަކަށް ލޯބިނުވާތީއެވެ. އަޅައިވެސް ނުލާތީއެވެ. ބަލިވިޔަސް ގޮވައިގެން ހޮސްޕިޓަލަށްދާންވެސް ލަދުގަންނާތީއެވެ. އަޅުގަނޑު އެމީހުން ކުށްވެރިއެއް ނުކުރަމެވެ. ނަމަވެސް ހޮސްޕިޓަލުން ފެންނަ މީހުން ސުވާލުކުރުމުން ލަދުގަންނަން ޖެހޭނެތީ ހޮސްޕިޓަލަށް ނުގެންދިއަ ނަމަވެސް ގޭތެރޭގައި ލޯބިން މަޙްރޫމްކޮށްލުމުން ވަރަށް ދެރަވިއެވެ.  

އެކުވެރިޔާ އަޅުގަނޑާއިމެދު ވަރަށް ހެޔޮކޮށް ކަންކަންކުރިއެވެ. އެދމަފިރިން ދިރިއުޅެނީ ވަކިން ގެއެއްގައެވެ. އެގެއިން އެއްވެސް އަގަކާއި ނުލައި ކޮޓަރިއެއް ދިނެވެ. އަދި ކެއުމަށްވެސް އެއްވެސް އަގެއް ނުނަގައެވެ. އަދި އަޅާލައި ވަރަށް ބޮޑަށް ކަމޭހިތިއެވެ.  

އެއިރު ބަނޑަށް 5 މަހެވެ. ޞިއްޙީ ގޮތުން ބަލިކަށިކަމެއް ނެތެވެ. އެހެންވެ ގޭތެރޭގައި މަސައްކަތްކޮށްދީ ހަދަމެވެ. ފޫހިފިލުވަން ކުރާކަމަކީ ކުޑަކުދިންނަށް ފިލާވަޅު ދަސްކޮށްދިނުމެވެ. އަޅުގަނޑު އެކަންކޮށްދިނީ ހިލޭ ސާބަހަށެވެ. އެހެންވެ ބެލެނިވެރިންނާއި ދަރިވަރުންގެ ލޯބި ވަރަށް ބޮޑަށް ލިބުނެވެ. މަންމަ އާއި ބައްޕަގެ ލޯބިން މަޙްރޫމްވިނަމަވެސް އަޅުގަނޑުދެކެ ލޯބިވާނެ އެތައް ބައަކު ލިބުނެވެ.  

އަޅުގަނޑު ހޮސްޕިޓަލަށް ދާ ދުވަހަކުވެސް 2،3 4، މައިން އަޅުގަނޑާއިއެކު ދެއެވެ. ވިހައިގެން އޮތްއިރުވެސް އަބަދުވެސް ކައިރީގައި އެތައް ބައަކު އުޅެ އެހީތެރިވެއެވެ. އެމީހުންގެ ދަރިއަކާއިމެދު ކަންކަންކުރާނެ އުޞޫލުން އަޅުގަނޑާއިމެދު ކަންކަން ކުރިއެވެ. ދަރިފުޅު އުރާލަންވެސް ދެނީ ކުޑައިރުކޮޅަކަށެވެ. ގެންގުޅެ ބަލަހައްޓައިދިނީ އެމީހުންނެވެ.  

އަޅުގަނޑު ވިހައި ގަދަވެ ފެންވެރުނުތަނާހެން އެންމެން ތިބީ ކަންބޮޑުވެފައެވެ. އަޅުގަނޑު އެނބުރި މާލެ ހިނގައިދާނެތީއެވެ. ބައެއް މައިން "އިރާދަކުރެއްވިއްޔާ ދެން ތިއަ ގޮއްޔެއަކަށް މިރަށަކުން ނުދެވޭނެ. އުޅޭނީ އަހަރެމެންނާއިއެކު މިރަށުގަ." ކަމަށްވެސް ބުނެއުޅުނެވެ. އަޅުގަނޑު ޖަވާބެއް ނުދެމެވެ. އަޑުއަހައި ހޭން ހުންނަނީއެވެ.  

އެމީހުންކުރި ދުޢާއިންކަމަށްވެސް ވެދާނެއެވެ. ރަށުގެ ހަރުދަނާ ޒުވާނަކު އަޅުގަނޑާއި ކައިވެނިކުރަން އެދުނެވެ. އޭނާ ނިޞްބަތްވަނީ ތަނަވަސް ޢާއިލާއަކަށެވެ. މަސްދޯންޏެއްވެސް ދުއްވައެވެ. ފިހާރައެއްވެސް ހުރެއެވެ. އަޅުގަނޑުގެ އެކުވެރިޔާވެސް ބުނީ އެއީ ވަރަށް ހަރުދަނާ ޢާއިލާއެއްގެ ހުރި ހަރުދަނާ ޒުވާނެއް ކަމަށެވެ.  

އަޅުގަނޑު އޭނާގެ ހުށަހެޅުން ޤަބޫލުކުރީމެވެ. ކައިވެނިކުރީމެވެ. މިހާރު 12 އަހަރުވީއެވެ. ކައިވެންޏަށް 4 ދަރިން ލިބި 5 ދަރިން އެބަތިއްބެވެ. ދިރިއުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން އުފަލުގައެވެ.  

މިއަދު އަޅުގަނޑަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަންމަ އާއި ބައްޕަވެސް އަޅުގަނޑު ގާތުގައި މިރަށުގައި ދިރިއުޅެމުންދާ ކަމެވެ. ދެމަފިރިން ގެނައީ ބައްޕައަށް ދިވެހިބޭސްކުރަން ޖެހިގެންނެވެ. މޫދަށް އެރުވައި ކަސްރަތުކުރުވަންޖެހިގެންނެވެ. އެނބުރި ދާން ބޭނުން ނުވީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް މައިންބަފައިންނަށް ބުނެލަން ބޭނުންވަނީ ދަރިއަކަށް ކުށެއް ކުރެވުނު ނަމަވެސް ބާކީކޮށްނުލާށެވެ! އެއްލައިނުލާށެވެ. ކަމެއް ޖެހޭ ދުވަހު އެހީތެރިވެދޭނީ ކޮންދަރިއެއްކަމެއް ނުއެނގޭނެއެވެ. އަޅުގަނޑާއިމެދު ކަންކަން އެގޮތަށް ކުރުމުން އަޅުގަނޑު  މާފުކުރި ނަމަވެސް ގިނަވާނީ މާފުނުކުރާނެ ދަރިންނެވެ.  

އަޅުގަނޑު ފުރަން ގެއިން ނުކުތްވަގުތު އެނުކުންނަނީ ފުރަންކަން އެނގޭއިރުވެސް ދެމަފިރިންކުރެ މީހަކު ބަހެއްވެސް ނުބުނެ ތިބި މަންޒަރު ހަނދާންވުމުން މިހާރުވެސް ލޮލުން ކަރުނަ އައުދެއެވެ. ނަމަވެސް އެއީވެސް ވެދާނެ ގޮތެއްކަމަށް ވިސްނައި އެއްވެސް ހިތްބުރަކަމެއް ނުބާއްވަމެވެ. އެކަން ފޫބައްދަން އަޅުގަނޑު ހިތަށް އަރުވަނީ ބަސްއަހައިގެން އުޅުނުއިރު އެމީހުން އަޅުގަނޑަށް ލޯބިދިންކަމެވެ. ކިޔަވައިދިންކަމެވެ. ރީތި އަންނައުނާއި ގަހަނާވެސް ހޯދައިދިންކަމެވެ.  

އަޅުގަނޑުގެ މިވާހަކަކޮޅުން މިފަދަ ނިކަމެތި ޙާލުގައި ޖެހޭ ދަރިންނަށްވެސް ޢިބްރަތަކަށްވާނެ ކަމަށް ހީކުރަމެވެ.  

- މުނީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން