އަންހެނުން ކުރިއެރުވުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ތަރައްޤީގެ އެކި މަސައްކަތްތައް ރާވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވިދާޅުވެއްޖެއެވެ.
އަފްރީން މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އެސްއެމްއީ ޑިވެލޮޕްމަންޓް ބޭންކު، އެސްޑީއެފްސީ ގުޅިގެން ބޭއްވި "ހިޔަލަ ފޯރަމް 2024" ފައްޓަވައި ދެއްވައި ދެއްކެވި ވާހަކައިގައެވެ.
މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރު ކަމަށްވާ "ކުރިއެރުމުގެ ދުވެލި ހަލުވިކުރުމަށް އަންހެނުންނަށްޓަކައި ވުނަކުރުން" ނުވަތަ "އިންވެސްޓް އިން ވިމެން: އެކްސެލެރޭޓް ޕްރޮގްރެސް" އާ އެއްގޮތަށް އަންހެނުން ކުރިއެރުވުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ތަރައްޤީގެ އެކި މަސައްކަތްތައް ރާވާފައިވާކަން ފާހަގަކުރައްވާ އަފްރީން ވިދާޅުވީ އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައި ޚާއްޞަ ލޯނުތަކާއި ތަފާތު އެކި ދާއިރާތަކުން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީއާއި އެސްޑީއެފްސީން ވިޔަފާރީގެ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމަށް ފަންނީގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައްވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.