ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުގެ ގެ ސެޓަލްމެންޓް ކޮމިޓީން ދިން ބަދަލު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމާށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދިފާޢީ ވުޒާރާއާއި ބަންޑާރަ ނައިބުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ކުރީ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީން 10 ފަރާތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާއާއި ރަށްތައް ދީފައިވާ ކަމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާއާއި ހަރުމުދަލާއި ފައިސާ، ދައުލަތުން އެކި ފަރާތްތަކަށް ދީފައިވާކަމަށެވެ.
''ޝަރިއަތުގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައި ހުރި ފަރާތްތަކަށް ވިން ނުވާނެ ކަހަލަ މައްސަލަތައް އެބަހުރި ސެޓްލްކޮށްފައި. ބައެއް މައްސަލަތަކުގައި އެބަހުރި އޭޖީ އޮފީހުން ވަކި ގޮތަށް އަމަލުކުރުމަށް ލަފާދީފައި. ސެޓްލްމެންޓަކަށްދާ ކަމަށްވަނީނަމަ ވަކި މިންވަރެއް އޭޖީ އޮފީހުން ކަނޑައަޅާފައި ހުރި މައްސަލަތަކުގައި އެއަށްވުރެ ބޮޑެތި އަދަދު ދޫކޮށްފައި ހުރި މައްސަލަތައް އެބަހުރި'' އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ކުރީ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމާފައި ހުރީ ކިހިނެއްތޯ ދިރާސާކުރަމުން އަންނަކަމަށާއި ސެޓަލްމަންޓު ކޮމިޓީން ބަދަލުދޭން ނިންމި ނިންމުންތަކަށް އަމަލުކުރުން މަޑުޖައްސާލަން މިހާރު ފިނޭންސް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއަށް އަންގަވާފައިވާނެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.