ހެލިކޮޕްޓަރު ދުއްވާ އިންޑިއާގެ ކުރޫއިންގެ އޮޕަރޭޝަނަލް ކޮންޓްރޯލް އޮންނާނީ ދިވެހި އަސްކަރިއްޔާގައިި ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑިރެކްޓަރ ޕްލޭންސް ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓު ކާނަލް އަހްމަދު މުޖުތަބާ މުހައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫ ސިޓީ ގަމުގައި އޮޕަރޭޓްކުރަމުންދިޔަ އިންޑިއާގެ ހެލިކޮޕްޓަރު މަރާމާތަށް ފޮނުވާލުމަށް ނިންމާފައިވާއިރު އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރާއެކު 26 ސިވިލިއަނުން މިހާރު ރާއްޖެ އައިސްފައިވާކަމަށް މުޖުތަބާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ އެ މީހުން ފެމިލިއަރައިޒްކުރުމުގެ މަރުހަލާކަމަށާއި އެ މަރުހަލާ ނިމުމާއެކު ތާވަލާ އެއްގޮތަށް އިންޑިއާ ސިފައިން ފުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް ބޮޑެތި ޑިޕްލޮމެޓިކް މަޝްވަރާތަކެއްގެ ތެރެއިންކަމަށެވެ. އެގޮތުން ސަރުކާރުން ނިންމާފައިވާ ގޮތަށް މޭ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ގާއިމުވެ ނުތިބޭނެކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.