ސީލައިފް ގްލޯބަލްއިން މީގެ ނުވަ ވަރަކަށް އަހަރު ކުރިން ނަމެއްގައި ހިންގި ހައުސިން ސްކީމުން ގެއްލުންވި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ހިޔާ ފްލެޓާއި، ވިނަރެސް އިން ފްލެޓު ދީފިއެވެ.
ރައީސް މުހައްމަދު މުއިއްޒު މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެ އަތޮޅު ފެލިދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ސީލައިފް ސްކޭމުން ގެއްލުންވި ގާތްގަނޑަކަށް 375 ވަރަަކަށް މީހުންނަށް ބަދަލުގެ ގޮތުގައި އެޗްޑީސީން މީގެ ކުރިން ވެސް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް 3000ހައުސިންގ ޔުނިޓްގެ މަޝްރޫޢުއެއް އިޢުލާންކުރީ 2016 ވަނަ އަހަރުއެވެ. އަދި އޭރު މި ޕްރޮޖެކްޓުން ފްލެޓް ގަތުމަށް ގިނަ ބަޔަކު ފްލެޓަށް ފައިސާވެސް ދެއްކިއެވެ. ނަމަވެސް ދިގުމުއްދަތެއްވެ، ފްލެޓްގެ މަސައްކަތް ނުނިމި ޕްރޮޖެކްޓްގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.
އެ ފްލެޓްތަކަށް، ބުކިން ފީގެ ގޮތުގައި 50،000ރ. ދެއްކި އެވެ. ބައެއް މީހުން ޑައުޕޭމަންޓްގެ އެކި މިންވަރު ވެސް އަދި އަނެއް ބަޔަކު އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ.
ފްލެޓް ގަނެ ފައިސާދެއްކި 200 އެއްހާ މީހުން ސީލައިފާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައެޅިއެވެ. މިކަމާއި ގުޅިގެން މީގެކުރިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ، ސީލައިފް ފްލެޓަށް ފައިސާ ދެއްކި އާއިލާތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.
ކޯޓުގައި ކުރިޔަށްދިޔަ މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އޭރު މައްސަލަ ޙައްލުކުރިއެވެ.
ސީލައިފުން ލަނޑު ލިބުނު މީހުންނަށް ބަދަލުގެ ގޮތުގައި ދިން ވިނަރެސް ފްލެޓުތަކަކީ މިދިޔަ ސަރުކާރުގެ ފަހުކޮޅު ވިއްކަން ހުޅުވާލި 130 ފްލެޓެވެ.