ހޯމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސް ބުނެފިއެވެ.
މިކަމާގުޅިގެން ޒަކާތު ހައުސްއިން ބުނެފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 6 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށާއި ރަމަޟާންމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވި ނަމަވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ.
އުމުރުން ދުވަސްވީ އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން 13:00 އަށް ޒަކާތް ދެއްކޭނެ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
މީގެއިތުރުން ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށްވެސް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.