ރާއްޖޭގެ ރަށްރަށުގައި ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމުގެ ކަންކަން ކޮންމެ 5 އަހަރަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް ހަދައިފިއެވެ.
އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް ގެނައި އިސްލާޙްގައި ވަނީ ރަށްރަށާއި ސިޓީތައް ނުވަތަ ވަކި ސަރަޙައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ ކައުންސިލްތަކުން އެސެސްމަންޓެއް ހަދާ ވެހިކަލް ކެޕޭސިޓީއަކީ ދެނަގަތުމަށްފަހު ކަމަށާއި މިއެސެސްމަންޓްގައި މަގުތަކުގެ ލޭނުތަކުގެ ޖުމުލަ ދިގުމިނާއި ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނާއި އެ ސަރަހައްދުގައި ޕާކުކުރެވޭ އުޅަނދުގެ އަދަދު ކަނޑައަޅަންޖެހެއެވެ. ލޭނެއްގެ ގޮތުގައި ބަލާނީ ފުޅާމިނުގައި 12 ފޫޓު ހުންނަ މަގުތައްކަމަށް ޤަވާއިދަށް ގެނައި އިސްލާޙުގައިވެއެވެ.
މިއެސެސްމަންޓް ހަދާއިރު އެއްގަމު ދަތުރުފަތުރުގެ ނިޒާމް އެރަށެއްގައި ހަމަޖެހިފައިވާ ގޮތާއި ޕާކުކުރާނެ ސަރަހައްދު އިތުރުކުރެވެން އޮތް މިންވަރު ބަލަންޖެހެއެވެ. އަދި އެއްގަމު އުޅަނދުތައް އާންމު ގޮތެއްގައި ބޭނުންކުރާ އެންމެ ދިގު މުއްދަތާއި ބޭނުންކުރުމަށް އެކަށޭނެ އެންމެ ދިގު މުއްދަތުވެސް އެސެސްމަންޓްގައި ހިމަނަންޖެހެއެވެ.
މީގެ އިތުރުން އާބާދީގެ ނިސްބަތުން އަމިއްލަ އެއްގަމު އުޅަނދު ބޭނުންކުރާ ނިސްބަތާއި އުޅަނދުގެ ބާވަތްތަކާއި އާންމު ދަތުރުފަތުރުގެ ނިޒާމް ބޭނުންކުރާ ނިސްބަތްވެސް ހިމަނަން ޖެހެއެވެ. ހަމަ މިއާއެކު ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި އެފަދަ އުޅަނދުގެ ބާވަތްތައްވެސް ހިމަނަންޖެހެއެވެ.