ކާށިދޫގައި ވައިން ހަކަތަ އުފައްދައި ފެނުގެ ނިޒާމު ހިންގަން ފަށައިފިއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން ރަށްރަށުގެ ފެނުގެ ނިޒާމު ޤާއިމުކޮށް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އަބަދުވެސް ޤަބޫލުވެފައި އޮތީ ރާއްޖޭގައި ހިންގުމަށް އެންމެ އެކަށީގެންވަނީ އަވިން ޙަކަތަ އުފެއްދުންކަމަށެވެ.
ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރަންޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އިތުރު ވަޞީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް މަސައްކަތްކުރުމަކީ، ދެމެހެއްޓިނިވި ގޮތުގައި 24 ގަޑިއިރު ކަރަންޓު އުފެއްދުމަށް އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުމަށް އަދި ރާއްޖޭގެ އެނަރިޖީ ސެކިއުރިޓީއަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢުގައި 5 ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ފެނުގެ ޚިދުމަތް ދޭން ފަށާފައެވެ. މިގޮތުން ރ.އަލިފުށި، ޅ.އޮޅުވެލިފުށި، ހއ.ކެލާ އަދި ގއ.ދާންދޫގައިވަނީ ކޮންމެ ރަށެއްގައި ދުވާލެއްގެ މައްޗަށް 200 ޓަނުގެ ފެން އުފެއްދޭނެ ނިޒާމަކާއި އަދި އެޚިދުމަތް ދިނުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް 200 ކިލޯވޮޓުގެ ސޯލާ ހަކަތައިގެ ނިޒާމު ޤާއިމުކޮށްފައެވެ.