އަނބިމީހާއަށް މަސައްކަތްބުރަވެ މީރުކޮށް ނުކެއްކޭތަނުގަ ލޮނު ނޫނީ ކުޅިގަދަކޮށް ކެއްކުމުންވެސް އެއްވެސް ޝައިކުވާއެއް ނުކޮށް އަނބިމީހާއަށް ހިތްވަރުދިން ފިރިއަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
އަނބިމީހާއަށް މަސައްކަތްބުރަވެ މީރުކޮށް ނުކެއްކޭތަނުގަ ލޮނު ނޫނީ ކުޅިގަދަކޮށް ކެއްކުމުންވެސް އެއްވެސް ޝައިކުވާއެއް ނުކޮށް އަނބިމީހާއަށް ހިތްވަރުދިން ފިރިއަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ

ރަމަމާން މަސް އައުމުން ބައެއް މީހުން ބަލަބަލައި ތިބެނީ ކޮންމެވެސް ކަމަކާއި ރުޅި އަންނާނެ ފުރުޞަތަކަށެވެ. ތިމާ މިހުރީ ރޯދައަށްކަންވެސް ހަނދާނަކު ނުހުރެއެވެ. ރޯދަވީއްލާގަޑީގައިވެސް ކަންކަން ކުރެވެނީ މީހުން ކަންކަން ކުރަން އޮތް ގޮތަކަށް ނޫނެވެ. 

މިއަދު އަހުރެންގެ ވަރަށް ގާތް އެކުވެރިއެއްގެ އަނބިމީހާ ގުޅާފައި ފެށީ ރޯށެވެ! އެއީ ކެއްކި އެއްޗެއްގެ ރަހަ މީރުނުވުމުން ދެން އެގޮތަށް ކައްކައިފިނަމަ ވަރިކުރާނެ ކަމުގެ އިންޒާރު ފިރިމީހާ ދިނުމުންނެވެ. 

ކައްކާފައި ހުންނަ ތަކެތީގެ ރަހަ ނުބައިވުމުން ދުލުން ހަޑިބަސްތައް ބުނުމާއި ތަށިތައް ތަޅައިލުން ފަދަ ކަންކަން ކުރާ މީހުން އުޅެއެވެ. އެކަންކަން އިޞްލާޙްކުރަން އުޅޭ މީހުންވެސް އުޅެއެވެ. 

އެކުވެރިޔާގެ އަނބިމީހާއަށް ހިތްވަރުދިނީމެވެ. އެކުވެރިޔާއަށް ނަޞޭޙަތްވެސް ދިނީމެވެ. ނަމަވެސް މިއީ ވަރަށް ޢާންމު ކަމަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަށްޓަކައި މިވާހަކަ ގެނެސް މިދެނީ ފައިދާކުރާނެ ކަމަށްޓަކައެވެ. މިފަދަ މައްސަލަތައް ކުރިމަތިވާ އަނބިން އެމީހުންގެ ފިރިންނަށް މިވާހަކަ ފޯރުކޮށްލާށެވެ. ޝެއާކޮށްލާށެވެ. ހެޔޮ ބަދަލަކަށް އުންމީދުކުރާށެވެ! 

ރަމަޟާން މަހަށް ތައްޔާރުވަމުން އައި ދުވަސްވަރެވެ. ދީނީ ދަރުސަކަށްފަހު ބައެއް ޢިލްމުވެރިންނާއި ޢާންމުންގެ ބައެއް މީހުން ތިބެގެން ދެކެވުނު ވާހަކަތަކެކެވެ. ކޮންމެ މީހަކު ވެސް މަސައްކަތްކުރީ އެމީހަކަށް ރަމަޟާން މަހަކު ކުރެވިފައި އޮތް ނުވަތަ ކުރިމަތިވި ކަމެއްގެ ވާހަކަ ކިޔައި ދިނުމަށެވެ. 

އެގޮތުން އެކަކު ކިޔައިދިނެވެ. 

"އަޅުގަނޑުމެން ދެމަފިރިންނަށް 3 ވަނަ ދަރިފުޅު ލިބުނު އަހަރުގެ ރަމަޟާން މަހަކީ އަދި މިހައި ތަނަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނު ރަމަޟާން މަހެވެ. ހަމަ ކޮންމެ ރެއަކުހެން ކާން ޖެހުނީ ވަރަށް ދަތި ޙާލުގައެވެ. 

އައިމިނާ (އަނބިމީހާ) އަށް އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. 3 ކުދިންގެ މައްސަލަތައް ހައްލުކުރަމުން އަޅުކަންވެސް ކުރަމުން އުޅެން ޖެހުމުންނެވެ. އެއަހަރު އަޅުގަނޑުގެ ވަޒީފާގެ ކަންތައް ހުރިގޮތުން ގެއަށް އާދެވެނީ ވެސް މަޣްރިބް ނަމާދަށް ގޮވުމާއި ވަރަށް ކައިރިވެފައި ހުއްޓައެވެ. އެހެންކަމުން އަނބިމީހާއަށް އެއްވެސް އެހީތެރިކަމެއް ވެސް ފޯރުކޮށެއް ނުދެވެއެވެ. 

ހަމަ ތެދަށް ބުނަމެވެ. އެއް ރޭ ލޮނުގަދަވެދާނެއެވެ. އެ ރޭ ޖެހޭނީ އިތުރަށް ފެން އަޅައިގެންކާށެވެ. އަނެއް ރޭ ކުޅިގަދަވެދާނެއެވެ. ދެން ޖެހޭނީ ހަކުރު އަޅާށެވެ. މިވާ ގޮތަކީ ހަމަ ބުރަ ބޮޑުކަމުން ކުރިން އެޅުނުކަން ހަނދާން ނެތި އިތުރަށް އެޅެނީއެވެ. އެކަން ޔަޤީންވާ ގޮތަކީ އެންމެ ރެއަކުވެސް ލޮނު ނުލައެއް ނުހުރެއެވެ. އެހެންވީމާ ލޮނު ލުމަށް ވަރަށް ބޮޑަށް ފަރުވާ ބަހައްޓާކަން ޔަޤީން ކުރެވެއެވެ. 

އެއީ 30 ދުވަހުގެ ރަމަޟާން މަހެކެވެ. މުޅި މަސް އެކުގައިހެން އެހާލުގައި އުޅެންޖެހުނުއިރު ވެސް އަނބިމީހާ އާއި ދިމާއަށް "އުފް"ވެސް ނުބުނަމެވެ. ލޮނުގަދަވީމާ ފެންއަޅަނީވެސް  ކުޅިގަދަވީމާ ހަކުރު އެޅީވެސް ހެމުންނެވެ. މިއީ ވަރަށް ފައްކާ ފޯމިޔުލާއެއް ކަމަށާއި ރޯދަ ދިއައިމަ މި މެނޫ އިތުރަށް ދިރާސާކޮށް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުނެ އައިމިނަ ވެސް ހެއްވާ ލަމެވެ.

އެގޮތަށް ކައްކާފައި ހުންނަ ތަކެތި އަޅުގަނޑަށް ވީ މީރުތަކެއްޗަށެވެ. ފެން އަޅަން ޖެހުން ވީ ކުރާ ހިތްވާ ކަމަކަށެވެ. ފަހު ދިހައިގެ ދުވަސްތަކުގައި ފެން އަޅަން ނުޖެހޭނަމަ ފޫހިވެސް ވިއެވެ. އެއީ ކީއްވެގެން ކަމަށްތޯއެވެ! އަޅުގަނޑު އެކަމުގައި ވިސްނި ގޮތުންނެވެ. އަނބިމީހާ އެ ބަލަހައްޓަނީ އޭނާ މަގުމަތިން ހޮވައިގެން ގެނައި 3 ދަރިންނެއް ނޫނެވެ. ކައިވެނިކޮށްދިން ފަނޑިޔާރު އެ ރަސްމިއްޔާތުގައި ހަވާލުކުރި 3 ދަރިންނެއްވެސް ނޫނެވެ. ހަމަ އަޅުގަނޑު ހޯދަން ބޭނުންވެގެން ހޯދި 3 ދަރިންނެވެ. 3 ދަރިން ހޯދައި ބޮލަށް ޖެހުމަށްފަހު އެދަރިން ބަލަން އެހީތެރިނުވެވުނިމާ 3 އިރަށް ޕާން ގަނެފައި ކާން ނުދިންކަން އެއީ އައިމިނަގެ ރަނގަޅުކަން ނޫންތޯއެވެ؟ އެހެންވެ އަޅުގަނޑު ދެމިހުރީ އައިމިނަ އަށް ޝުކުރުވެރިވުން މަތީގައެވެ." 

ދީނީ ޢިލްމުވެރިންގެ ޖަވާބު: 

"އެއްވެސް މީހަކު ކުރާ އަޅުކަމަށް، ޚާއްޞަކޮށް ރޯދަ ހިފުމުން ދެއްވަވާނެ ސަވާބާއި ދަރުމަ ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ. ޔަޤީން ކަމަކީ ތިއަ އަމަލުކުރި ގޮތުގެ ސަބަބުން ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެ ދަރުމަ އެތައް ގުނައަކަށް އިތުރު ކުރައްވަވާނެ ކަމެވެ. އަދި ތިބާ ހިފި ރޯދައިގައި ވެސް ﷲ ތަޢާލާ ބަރަކާތް އިތުރު ކުރައްވަވާނެ ކަމެވެ. މިދުނިޔޭގައި ވެސް އެކަން ދެއްކެވުން ގާތެވެ. އެހެނީ ތިއަ ކުރި ހިތްވަރަކީ ވަރަށް ތަޤްވާވެރި، އަދި ޙަޤީޤަތަށާއި އިންޞާފަށް ލޯބިކުރާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އިން ޝާ ﷲ.    

އޭނާ ދެންނެވިއެވެ. އެއަހަރުގެ ޙައްޖު މަހު އަޅުގަނޑަށް ވަނީ ޕްރަމޯޝަން ލިބިފައެވެ. މުސާރައާއި އިތުރު ގަޑީގެ އިނާޔަތުގެ ގޮތުގައި މިހާރު އެއިރުގެ ދެ ގުނަ ލިބެއެވެ. ދުއްވާނެ ކާރެއްވެސް ވަނީ ލިބިފައެވެ. ނަމަވެސް މިވަގުތާއި ހަމައަށް ވެސް އެއީ ރޯދަ މަހު އަޅުގަނޑު ކައި ބޮއި އުޅުނު ޙާލާއި ގުޅުން ހުރި ކަމެއްކަން ވިސްނިފައެއް ނެތެވެ. 

ދީނީ ޢިލްމުވެރިންވިދާޅުވިއެވެ. "ކަންކަން ގުޅޭނީ އެމީހާގެ އަމަލުތަކާއިއެވެ. ތިއަ ކަމުގައި ގުޅިގެންދަނީ ކެތްތެރިވުމާއި އެވެ. ހިތުގެ ލޯތްބާއިއެވެ. އީމާންކަމާއިއެވެ. ތަޤްވާވެރިކަމާއި އެވެ. ތިބާގެ ތިއަ ޢަމަލު ވަނީ މިހުރިހާ ކަމަކާއިވެސް ގުޅިފައެވެ. ޤިޔާމަތް ދުވަހު މާ ބޮޑު "ކާރެއް"ގައި ތިބާއަށް ސުވަރުގެ ވަދެވުމަކީ އަހަރެމެންގެ ދުޢާއެވެ. އިން ޝާ ﷲ!

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން