ޢިބްރަތްތެރި ވާހަކަ: ބުރަމަސައްކަތްކޮށްގެން އެކަނި ގެންގުޅެ ބޮޑިކުރި ދަރިފުޅު ބައްޕަ އާ އެއް އުމުރުގެ މީހަކާ ކައިވެނިކުރަންޖެހުނު ސަބަބު- ކޮންމެ ދެމަފިރިއަކަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޢިބްރަތްތެރި ވާހަކަ: ބުރަމަސައްކަތްކޮށްގެން އެކަނި ގެންގުޅެ ބޮޑިކުރި ދަރިފުޅު ބައްޕަ އާ އެއް އުމުރުގެ މީހަކާ ކައިވެނިކުރަންޖެހުނު ސަބަބު- ކޮންމެ ދެމަފިރިއަކަށް އަގުހުރި ފިލާވަޅެއް!

މިއީ މިއަދު މުޖުތަމަޢުގައި އެންމެ ބާރަށް ފެތުރި ޢާންމުވަމުން އަންނަ އެންމެ ނުރައްކާތެރިކަން ބޮޑު މައްސަލައިގެ ވާހަކައެކެވެ. އެތައް ހާސް އަނބިންނަށް ހިތްދަތިކަމާއި ވޭން އުފުލަންޖެހިފައިވާ މައްސަލައެކެވެ. ޙައްލުކުރެވެން އޮތް ގޮތަކަށް ޙައްލުނުކުރާނަމަ މުޅި މުޖުތަމަޢު ފަސާދަވެގެން ހިނގައިދާނެކަމުގެ ބިރު އެންމެ ބޮޑު މައްސލައެވެ. ސަލާމަތްވެވެން ތިބި އަނބިން ވެވެން އޮތް ގޮތަކުން ސަލާމަތްކަން ހޯދަން ޖެހިފައިވާ މައްސަލައެކެވެ. 

ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ. 

އަޅުގަނޑުމެންގެ ކައިވެންޏަށް 2 ދަރިން ލިބި އެކުދިން ބޮޑެތިވަމުން އައި ދުވަސްވަރަކީ ފިރިމީހާ މަސްތުވާތަކެތި ބޭނުންކުރަން ފެށި ދުވަސްވަރެވެ. އެހެންކަމުން ދަރިންނަށް އަބަދުހެން ފެންނަމުން އައީ އަޅުގަނޑުގެ ގައިގާ ތަޅައި އަނިޔާކުރާތަނެވެ. އިވެނީ ޒުވާބުކުރާ އަޑެވެ. އަޅުގަނޑާއި ދިމާއަށް އެއްޗެތިގޮވާއަޑެވެ. 

އޭނާ ބޭނުންވީ މާރުކޭޓުގައި ކުކުޅުހައު ވިއްކާ އުޞޫލުން އަޅުގަނޑުވެސް ވިއްކާށެވެ. އާނާ ބޭނުންކުރާ ތަކެތި ގަންނާނެ ފައިސާ އެކަމުން ހޯދުމަށެވެ. އެންމެ ބޮޑަށް ރުޅި އަންނަނީ އެކަމަށް އެއްބަސްނުވާތީއެވެ.   

"ކަލޭ މާއަވަހަށް ދަރިން ހޯދީ! މިއަދުވެސް ކައްކާފަހުރި ރިހަ ވަރަށް ނުބައި! އަނގައަށްލާން ކެރޭވަރެއްވެސް ނޫން! ޒުވާން އުމުރުގަވެސް ތިއަ އިންނަނީ އަމިއްލައަށް މުސްކުޅިވެގެން ގޭގަ! ނުކެރޭ ކުރުހެދުމެއް ލައިގެން ކޮފީއަކަށް ގޮސްލަންވެސް! ތިއައީ ކަޓް އަންހެނެއް." މިއީ ފިރިމީހާ ގެއަށް ވަދެއްޖެނަމަ އަބަދުވެސް ދަރިންނަށް އިވޭ އަޑުތަކެވެ. 

ވަރިވާންވެސް އެތައް ފަހަރަކު ވިސްނީމެވެ. ވަރިވެގެން ދެ ދަރިން ގޮވައިގެން ދާނެ ތަނެއް ނެތުމުން ކެތްތެރިވާން މަޖުބޫރުވީއެވެ. ތެޅީމާ އަނިޔާނުވާތީއެއް ނޫނެވެ! ގޮވާއެއްޗެތިން ހިތްދަތިނުވާތީއެއް ނޫނެވެ. 

ދެދަރިންގެ އުމުރުން 10، 12 އަހަރުގައި ފިރިމީހާ ނިޔާވެއްޖެއެވެ. ގޭތެރެއަށް ހަމަޖެހުމެއް ލިބުނީ އެހިސާބުންނެވެ. ފިރިމީހާ މަރުވިނަމަވެސް ދެވަނަ ކައިވެންޏެއް ކުރާނެ ހިތްވަރެއް ނުލިބުނެވެ. ތަޅާތަޅައި ބަލިކަށިވެފައި ހުރުމުން ފިރިއަކަށް ޚިދުމަތްކުރާނެ ހިތްވަރުވެސް ގައިގަ ނެތީއެވެ. އެޙާލުގައިވެސް ކުދިންގެ ކަންކަން ބެލެހެއްޓީ ގޭގޭގައި ނޯކިރީކޮށްގެންނެވެ. ފިރިމީހާ ދުނިޔޭގައި ހުރިއިރުވެސް އުޅެންޖެހުނީ އެފަދަ ގޮތަކަށެވެ. އޭނާގެ ކިބައިން ލިބުނީ ހަމައެކަނި ބޯހިޔާކޮށްލާނެ ކޮޓަރިއެކެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް ދެދަރިން ބޮޑެތިވެއްޖެއެވެ. ދޮށްޓަށް ހުރި އަންހެން ދަރިފުޅު ކައިވެނިކުރީ އޭނާގެ ބައްޕައާއި އެއް އުމުރުގެ މީހަކާއިއެވެ. ދެކޮޅެއް ނުހަދަމެވެ. ނަމަވެސް އުމުރުން އެހައި ދޮށީ މީހަކާ ކައިވެނިކުރީ ކީއްވެގެންތޯ އަހައިލީމެވެ. 

"މަންމާއެވެ! ބައްޕަ މަންމަ އަށް ގޮވި އެއްޗެއްސާއި ކުރިއަނިޔާތައް ލޮލުން ދުށީމެވެ. އަހަރެން އުންމީދުކުރަނީ ފިރިމީހާ އެގޮތަށް އަހަރެންނަށް ކަންކަން ނުކުރާނެ ކަމަށެވެ." ދަރިފުޅު ދިން ޖަވާބު އަޑުއިވުމުން އަނގަ ބަންދުވިއެވެ. ބުނެވެން އޮތީވެސް ކީކޭތޯއެވެ؟ 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ވަރަށް ކުރު ގޮތަކަށް އަޅުގަނޑުގެ ދިރިއުޅުމުގަ ކަންކަން ދިމާވިގޮތެވެ! އަޅުގަނޑަށް ދިރިއުޅެންޖެހުނު ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ އެތައް އަންހެނުން އެބަތިއްބެވެ. ބައެއް އަންހެނުން އަޅުގަނޑަށްވެސް އެނގެއެވެ. 

އަޅުގަނޑުގެ ތަޖުރިބާއިން އެނގުނީ އެޙާލުގައި އެފަދަ ފިރިންނާއިއެކު ދިރިއުޅުމަށްވުރެ ކޮންމެ ޙާލެއް ޖެހުނަސް ހެޔޮކަމަށް އެކަނި ދިރިއުޅުންވެސް މާރަނގަޅުކަމެވެ. ދަރިންގެ ދިރިއުޅުމަށް ބަލައި ކެތްތެރިވުމަށްވުރެ ދެމީހުން ވަކިވުން ރަނގަޅުކަމެވެ. ނަމަވެސް އަމިއްލަ ބަނޑުއަޅައި ވޭން އުފުލައިގެން ވިހައި ބުރަ މަސައްކަތުން ބަލައި ބޮޑުކުރާ ދަރިން އުކައިލުމަކީ ހިތެއް އޮތް މަންމައަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ މާހިތްދަތި މާވޭން ބޮޑުކަމެކެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ. 

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން