ޢިބްރަތްތެރި ވާހަކަ: ސިފަރީތިކަމުން ފަޚުރުވެރިވާ ކުއްޖާ ހުއްޓައި ސިފަ ހުތުރުކަމުން އޭނާ މަލާމާތްކުރި އަނެހަނަކަށް ހުރިހާ މޮޅަކާ އުފަލެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޢިބްރަތްތެރި ވާހަކަ: ސިފަރީތިކަމުން ފަޚުރުވެރިވާ ކުއްޖާ ހުއްޓައި ސިފަ ހުތުރުކަމުން އޭނާ މަލާމާތްކުރި އަނެހަނަކަށް ހުރިހާ މޮޅަކާ އުފަލެއް ލިބުނު ގޮތުގެ ވާހަކަ-

ތިމާގެ ސިފަ ރީތިވުމަކީ ﷲ ތަޢާލާ ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އަދި ކުރިމަތިކުރައްވަވާ އިމްތިޙާނެއްވެސްމެއެވެ. އެ އިމްތިޙާނުން ފޭލްވެއްޖެނަމަ ގިނަ ފަހަރު އޮންނަނީ ދުނިޔޭގައިވެސް ތަފާތު މުޞީބާތްތަކާއި ކުރިމަތިލާންޖެހިފައެވެ. 

ތިރީގައިވާ 2 ވާހަކައަކީވެސް ވަރަށް ޢިބްރަތްތެރި 2 ވާހަކައެވެ. ތިމާގެ ރީތިކަން ފެނި ފަޚުރުވަމުން އައި ދެއަންހެނުންނަށް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. 

ވާހަކަ ވިދާޅުވެލައްވާށެވެ!  

އަޅުގަނޑުވެސް އެންމެ ފުރަތަމަ ޙިއްޞާކޮށްލާނީ ކުރުވާހަކައެކެވެ. އެއީ އަވަށްޓެރިޔާގެ ސިފަ ހުތުރުކަމުން ފުރައްސާރަކުރި އަންހެނެއްގެ ވާހަކައެވެ. 

އެއީ ވަރަށް ގާތް ދެއެކުވެރިންނެވެ. ދެ އަވަށްޓެރިންވެސް މެއެވެ. އެހެންކަމާއި އެކުގައިވެސް އީނާޒަށް ކުރިން ކައިވެނި ކުރެވުމުން ޝިޔާމާ ހަސަދަވެރިވިއެވެ. ކައިވެނިކުރި ނަމަވެސް ސިފަހުތުރު އަންހެނަކާއި ކައިވެނިކޮށްގެން ގިނަ ދުވަހު އެކީގައި އެއްވެސް ފިރިއަކު ނުއުޅޭނެ ކަމަށްވެސް ބުންޏެވެ. 

އީނާޒް ވަރަށް ދެރަވިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެން ހުއްޓައި ޝިޔާމާގެ ގޭގައި ހުރި ގޭސްފުޅިއެއް ގޮވައި ޝިޔާމާ ފިހުނެވެ. އެޙާދިސާ ހިނގުމާއިއެކު އީނާޒް އަވަސްވެގަތީ ޝިޔާމާއަށް އެހީތެރިވެދޭށެވެ. ހޮސްޕިޓަލުގައި މަހެއްހައި ދުވަހު އޮތްއިރުވެސް އެންމެ ބޮޑަށް އެހީތެރިވީ އީނާޒްއެވެ. ލިބުނު ޒަޚަމްތައް ފަސޭހަވިއިރު މޫނު ހީވަނީ ބިރުވެރި މޫނެއް ހެންނެވެ. ފުއްޕާފައި ހުރި ބޮޑެތި ލަކުނުތައް ފެންނަން ހުރުމުންނެވެ. 

ސޯޝަލް މީޑިއާއިން ކިޔާފައިވާ މިހާދިސާގެ ވާހަކަކޮޅަށްފަހު ދެން މިކިޔައިދެނީ އަޅުގަނޑުގެ އަމިއްލަ ވާހަކައެވެ. 

އޮފީހުގައި އަޅުގަނޑު ވަޒީފާ އަދާކުރާތާ 3 އަހަރުވީފަހުން ވަޒީފާއަށް ވެއްދި އަންހެން ކުއްޖަކު އަޅުގަނޑަށް މަލާމާތާއި ފުރައްސާރަކުރަން ފެށިއެވެ. ބައެއް ފަހަރު އަޅުގަނޑުގެ އިސްކޮޅުން ކުރުވެފައި މޫނު ބޯޅައެއްހެން ހީވާކަމަށްވެސް ބުނެއެވެ.  ކޮންމެ ދުވަހަކުވެސް އެބާވަތުގެ ކޮންމެވެސް ފުރައްސާރައެއް ކުރާނެއެވެ. 

އެއިން އެއްވެސް އަޑެއް އިވޭކަމަށްވެސް ނުހަދަމެވެ. އަޅުގަނޑު ކުރާ މަސައްކަތް ކަމުދާތީ މަސައްކަތްކުރުވާ ވެރިން ހިތްހަމަޖެހޭވަރު ބޮޑުކަމުން އަޅުގަނޑަށް މުސާރައިގެ އިތުރަށްވެސް ކޮންމެ މަހަކު ފައިސާދެއެވެ. ހެދުންވެސް ގަނެދެއެވެ. ބޭރަށް ދަތުރެއްކުރާނަމަ ސެންޓް ފަދަ ތަކެތިވެސް ގެނެސްދެއެވެ. ވީމާ މީހަކު އަޅުގަނޑުގެ ސިފައަށް މަލާމާތް ކުރާތީ ކަންބޮޑުވާންޖެހެންވީ ސަބަބެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރަމެވެ.

އޭނާ އޮފީހަށް ވެއްދިތާ މިއީ 3 ވަނަ އަހަރެވެ. އޮފީހުގައި މިއަދު އަޅުގަނޑަކީ ޑިޕާޓްމަންޓެއްގެ ވެރިއެކެވެ. އަޅުގަނޑުގެ ސިފަ ހުތުރުވެގެން މަލާމާތްކުރި އަންހެނާ އަދިވެސް ހުރީ ހަމަ އޮފީހަށް ވެއްދި ވަޒީފާގައެވެ. މުސާރައިގެ ކުރިއެރުމެއްވެސް ނުދެއެވެ. އއޮފީހުގައި ހުރެގެން އެކިއެކި ވެރިންނާ ގުޅެން މަސައްކަތްކުރުމުގެ އިތުރުން ކަންކަމުގައި އޮފީހަށް ގޮސްއުޅޭ މީހުންނާ ގުޅެން މަސައްކަތްކުރެއެވެ. ނަމަވެސް އަދި މިއަދާއި ހަމައަށް އެއްވެސް ކާމިޔާބެއް ނުވެއެވެ. އުޅެނީވެސް ތުންފުއްސެއް ފަދައިންނެވެ. 

އެފަދަ އެއްވެސް ގޮތަކަށް އަޅުގަނޑެއް ނުއުޅެމެވެ. ނަމަވެސް ކުންފުނީގެ ވެރިއަކު ވަނީ ދާދިފަހުން އަޅުގަނޑާއި ކައިވެނިކޮށްފައެވެ. އަޅުގަނޑުގެ ސިފަ ހުތުރުކަމާ ކުރުކަން އަޅުގަނޑަށްވެސް އިޙްޞާޞްކުރެވެއެވެ. މޫނުވަށްކަންވެސް އެނގެއެވެ. ނަމަވެސް ދެރައެއް ނުވަމެވެ. ކުރަނީ އުފަލެވެ. އެއީ އަޅުގަނޑު ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އަޅުގަނޑު ދުނިޔޭގައި ހުރުމަށް ﷲ އެންމެ ރުހިވޮޑިގަންނަވާ ސިފައިގައިކަމަށްވާތީއެވެ. ދުނިޔޭގައި ސިފަ ރީތިކުރަން އެއްވެސް މަސައްކަތެއް ނުކުރާނަމެވެ. ހުރިހާ މަސައްކަތެއް މިކުރަނީ ޤިޔާމަތްދުވަހު ﷲ ސުވަރުގެ ދެއްވަވާއިރު އެދެއްވަވާ ރީތިކަމާ ފުރިހަމަކަން ލިބިގަތުމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ މިވާހަކަކޮޅު ޙިއްޞާ މިކުރަނީ ކޮންމެހެން އަޅުގަނޑަށް ފުރައްސާރަކުރި އަންހެނާއަށް އަދިވެސް ކައިވެނި ނުކުރެވި ހުރީތީ އެކަމަށް އުފާކުރާ ވާހަކަ ދައްކާކަށް ނޫނެވެ. އެކަމާއި ކުރަނީ ހިތާމައެވެ. ހަމައެކަނި ބުނެލަން ބޭނުންވަނީ ތިމާގެ ސިފަ ރީތިވެގެން އެހެން މީހުންނަށް ފުރައްސާރަ ނުކުރާށެވެ! ހުތުރު މީހުންނަށް ސިފަ ދެއްވަވަނީވެސް ހަމަ ރީތި މީހުންނަށް ސިފަ ދެއްވަވާ ﷲ އެވެ. އެއްވެސް މީހެއްގެ ސިފަ ރީތިވަނީ އެމީހާގެ މޮޅުކަމަކުން ނޫނެވެ. 

އަޅުގަނޑުގެ ސިފަ ރީތިކުރަން ދުވަހަކުވެސް ބިޔުޓީޝަނެއްގެ ގާތަށް ނުވަތަ ސެލޫނަކަށް ނުދަމެވެ. ނަމަވެސް އިސްލާމް ދީނާއި ރިވެތި އަޚްލާޤް އުނގެނެން އަބަދުވެސް މަސައްކަތްކުރަމެވެ. ލިޔުންތައް ކިޔަމެވެ. ދަރުސްތައް އަޑުއަހަމެވެ. ދީނީ ޢިލްމުވެރިންނާއި ސުވާލުވެސް ކުރަމެވެ. އެއީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ހަށިގަނޑުގެ ބޭރުފުށުގެ ސިފަ ރީތިކުރަން މަސައްކަތްކުރަން ﷲ އަންގަވާފައެއް ނުވެއެވެ. އަންގަވާފައިވަނީ ދީން އުނގެނި ތަޤްވާވެރިވުމަށެވެ. ރިވެތި އަޚްލާޤްގެ މަތީގައި އުޅުމަށެވެ. 

ދެން އޮތީ އަޅުގަނޑުގެ ސިފަ ހުތުރުވެގެން ފިރިމީހާ އަޅުގަނޑު ދޫކޮށްލުމެވެ. އެކަމަކަށްވެސް ކަންބޮޑެއް ނުވަމެވެ. މިސިފައިގައި އަޅުގަނޑު ދުނިޔެއަށް ފޮނުއްވެވި ފަރާތުން އަނެއްކާވެސް ފިރިއަކު ދެއްވަވާނެ ނޫންހެއްޔެވެ؟ ނުދެއްވެވިއްޔާ އެކަމަށްވެސް ޝުކުރުކޮށްލައިގެން ހުރީމާ ނިމުނީ ނޫންހެއްޔެވެ؟ އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ 

- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

 

 

 

މިއަދު އޮންލައިން