ހަކުރު ބައްޔަކީ ލޭގައި ދައުރުވާ ގްލޫކޯސް ހުންނަންވީ މިންވަރަށްވުރެ ހަށިގަނޑުގައި އިތުރުވުމުން ޖެހޭ ބައްޔެކެވެ. މިބަލި ކުރިމަތި ވަނީ ހަށިގަނޑުގައި "އިންސުލިން" ބޭނުން ކުރާގޮތް ނުވަތަ އުފައްދާ ގޮތަށް މައްސަލައެއް ދިމާވުމުންނެވެ. މިސާލަކަށް ޗިސްމޭ ނުވަތަ ޕެންކްރިއާސް އިން ލޭގެ ތެރެއަށް އެކަށޭނަ ވަރަށް އިންސުލިން ފޯރުކޮށް ނުދިނުމެވެ. މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫން ނަމަވެސް މިއަދު ގިނަ ދިވެހީން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ.
ހަކުރު ބަލީގައި ޓައިޕް 1 އަދި ޓައިޕް 2 ހުންނައިރު، މިދެ ބާވަތުގައިވެސް ތަފާތެއް ހުރެއެވެ. ޓައިޕް 1 ޑައިބެޓިކްސްގައި ހަށިގަނޑުގެ ހަކުރު ކޮންޓްރޯލް ކޮށްދޭ ހޯމޯން ކަމަށްވާ އިންސިއުލިން އުފެއްދުން ދަށްވެއެވެ. ނުވަތަ ބޭނުންވާވަރަށް އުފައްދައި ނުދެއެވެ. ޓައިޕް 2 ޑައިބެޓިކްސްގައި ޗިސްމޭއިން އިންސިއުލިން ކޮންމެވެސް ވަރަކަށް އުފެއްދި ނަމަވެސް އިންސިއުލިންގެ އަސަރު ފުރިހަމަ ގޮތުގައި ގުނަވަން ތަކަކަށް ނުކުރެއެވެ.
އިންޓަނޭޝަނަލް ޑައިބެޓިކްސް ފެޑަރޭޝަންގެ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 537 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަހައްމަލުކުރަމުން ދަނީ "ޓައިޕް 2 ޑައިބެޓިކްސް" އެވެ. 2021 ވަނަ އަހަރުގައި 6.7 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެޗްޕީއޭގެ އެހީގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހަދައި، ނޮވެމްބަރު 2022 ގައި އާއްމުކުރި "ސްޓެޕް" ސާވޭއިން ވަނީ ރާއްޖޭގައި 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ދައްކާފައެވެ.
ހަކުރު ބަލީގެ އަލާމާތްތައް:
ހަކުރު ބަލި ޖެހިއްޖެނަމަ ވަރުބަލިވުމާއި، ކަރު ހިއްކުމާއި ފެންބޮވުމާއި، އާދަޔާ ހިލާފަށް ބަނޑުހައިވުމާއި ގިނަ ގިނައިން ކުޑަކަމު ދާންޖެހުންވެސް ހިމެނެއެވެ. ހަކުރު ބަލި ޖެހި އެކަށޭނެ ފަރުވާ ނުކޮށްފިނަމަ ނާރުތަކަށް ގެއްލުން ލިބި އަތްފައި އައްސިވުމާއި، ލޮލުގެ ފެނުން ދަށްވެ ލޯ ފުސްވުމުގެ އިތުރުން ހަމުގެ ބަލިތައް ޖެހުމުގެ ފުރުސަތުވެސް އިތުރުވެގެންދެއެވެ.
މިބަލިން ރައްކާތެރިވުމަށް ނުވަތަ ބަލި ކޮންޓްރޯލް ކުރުމަށް ކަންތައް ކުރަންވީ ކިހިނެތް؟
- ގަވައިދުން ކަސްރަތުކުރުން
- ބަރުދަން ލުއި ކުރުން
- ކަމާ ބެހޭ ފަރާތްތަކުގެ ލަފަޔާއި އެއްގޮތަށް ކެއުމުގެ އާދަތައް ގެންގުޅުން
- ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުން
- ގަވައިދުން ބޭސް ކެއުމާއި އިންސުލިން ޖަހަން ޖެހިއްޖެ ނަމަ ގަވައިދުން އެކަން ކުރުން ހިމެނެއެވެ.
ދާއިރާގައި 24 އަހަރުގެ ތަޖުރިބާ ހުރި ބެންގަލޫރުގެ ހަކުރު ބަލީގެ ހާއްސަ ޑޮކްޓަރ ޑރ. ސަންޓޯޝް ވިދާޅުވެފައިވާ ގޮތުން ހަކުރު ބައްޔަށް އޮތް އެންމެ ބޮޑު ފަރުވާއަކީ އެ ބަލި ކޮންޓްރޯލް ކުރުމެވެ. މިކަން ކުރުމަށްޓަކައި ކެއުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަން ފާހަގަކުރައްވާ ސަންޓޯޝް ވިދާޅުވެފައިވަނީ ތަފާތު ބެރީސް، ސްޓްރޯބެރީސް، ބްލެކްބެރީސް، ބްލޫބެރީސް، ރާސްބެރީސްއަކީ ބޭނުންކުރުން ރަނގަޅު އެއްޗެއްކަމަށެވެ.
އެހެންކަމުން، ހަކުރު ބަލި ހުރި ނަމަވެސް އެ ބަލި ކޮންޓްރޯލްކޮށް އުފާވެރި އަދި އާދައިގެ ދިރިއުޅުމެއް ހަމަ ކޮންމެ މީހަކަށްވެސް އުޅެވިދާނެއެވެ. ބައްޔެއް ޖެހުމުން އިތުރަށް އެ ބަލި ބޮޑުވެ އެ ބަލި މަރު ބައްޔަކަށް ވާކަށް ކޮންމެހެން ލާޒިމެއް ނުކުރެއެވެ.