އެލޯވެރާ އަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާހާ، ތާއަބަދު އޭގެ ވާހަކަ އިވޭ ގަހެކެވެ. މިއީ އެތަކެއް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ، ގިނަ ކަންކަމަށް ބޭނުން ހިފޭ ހާއްސަ ކަމެއް އެކުލެވިގެންވާ ގަހެކެވެ. ހާއްސަކޮށް ފާހަގަކޮށްލެވޭ ސިއްހީ ފައިދާތަކުގެ އިތުރުން ގައިގެ ހަމާއި ރީތިވާ ސާމާނުތައް ތައްޔާރުކުރުމަށްވެސް އެންމެ ހާއްސަކަމެއް ދީގެން ބޭނުން ކުރެވޭ އެލޯވެރާއަކީ "ވޮންޑަރ ޕްލާންޓް" ނުވަތަ އަޖައިބު ކުރުވަނިވި ގަހުގެ ނަމުން މަޝްހޫރުވެފައިވާ ގަހެކެވެ.
އެލޯވެރާ ޖެލްގެ ސަބަބުން ހަމުގައި ހުންނަ ކޮލެޖަން ހުންނަ މިންވަރު އިތުރުވުމުގެ އިތުރުން ކޮލެޖަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ކޮލެޖަން ކްރޮސް ލިންކިން އިތުރުކޮށް، ހަމުގައި ކުރަކިވެ ހަލާކުވެފައި ހުންނަތަން ރަނގަޅުކުރުމަށް މަގުފަހިކޮށްދެއެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި އެލޯވެރާޖެލްގެ 99 އިން ސައްތައަކީ ފެނަށް ވާތީ މި ޖެލްގެ ސަބަބުން ފްލެކްސިބިލިޓީ އިތުރުކޮށް ހަންގަނޑު އޮމާންކޮށް ތާޒާކޮށް ދިރުން ގެނެސްދީ ވަރުގަދަވެސް ކޮށްދެއެވެ.
އެލޯވެރާ ޖެލްގައި ވިޓަމިން ސީ އާއި އީ، ބީޓާ ކެރޮޓީން ގިނަ އަދަދަކަށް ހުރެ އެވެ. އެހެންވީމާ، އެއީ އެންޓި އޭޖިންގ(އުމުރުން ދުވަސްވާގޮތް ނުފެންނަހެން) މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން އެންޓިމައިކްރޯބިއަލް މާއްދާތައް އެކުލެވިގެންވާ އިރު، މިއީ އެންޓި-އިންފްލެމޭޓަރީ ބާވަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން ހަމުގެ ކުދިކުދި މައްސަލަތައް ނައްތާލައި އުމުރުން ދުވަސްވީ ވައްތަރު ކުޑަކުރުމަށް ވެސް އެހީތެރިވެދެއެވެ.
އެލޯވެރާގައި އެލޯއިންގެ ނަމުން މަޝްހޫރު އަދި ގުދުރަތީ ޑިޕިގްމެންޓޭޝަން ކޮމްޕައުންޑެއް ހުރެއެވެ. މި ކޮމްޕައުންޑުން ހަންގަނޑު ދޫވުން ހުއްޓުވައި، ހަންގަނޑު ތާޒާކޮށް ގަދަފަދަކޮށްދެއެވެ. އަދި ހަމައެހެންމެ ކަލުވެފައި ހުންނަ ތަންތަން އަކިކޮށްލަދޭއިރު ހަންގަނޑުގެ ކުލަ އަލިކޮށް މުޅިން އުޖާލާ ތާޒާހަންގަނޑަކަށް ބަދަލުކޮށްލައެވެ.
ވަރަށް ގިނަ ފަރާތްތަކުން ކުރާ ސަުވާލަކީ އެލޯވެރާއިން "ދޮން"ވާނެތޯއެވެ. މާނައަކީ ހަމުގެ ކުލައަލިކޮށްދޭ ހެއްޔެވެ. ޖަވާބަކީ އާނއެކެވެ. އެލޯވެރާ ގަވާއިދުން ބޭނުން ކުރުމުން ގައިގެހަމުގެ މަރުވެފައިވާ ސެލްތައް ނައްތާލައެވެ. އަދި ކަޅުވެފައި ހުންނަ ތަންތަން އަލިކޮށް ހަމަށް ތާޒާކަން ގެނެސްދެއެވެ. އެހެންކަމުން ހަމުގެ ކުލަ އަލިކޮށް ދޮންކޮށްދެއެވެ.
އެލޯވެރާ ބޭނުން ކުރުމުގެ ނަތީޖާ ފެންނާނީ ގަވައިދުން ބޭނުން ކުރުމުންނެވެ. އެގޮތުން އެލޯވެރާ ގަވައިދުން 15-20 ދުވަސް ވަންދެން ބޭނުންކުރުމުން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުކުންނާނެ އެވެ.
އެލޯވެރާ؛ އެތަކެއް ގިނަގުނަ ފައިދާތަކުގެ ތެރެއިން ފާހަގަވާ ބައެއް ފައިދާތަކަކީ؛
- ގުދުރަތީ މޮއިސްޗަރައިޒާއެއެއް
- އެންޓި-އިންފްލެމޭޓަރީ މާއްދާތައް އެކުލެވިގެންވޭ
- ހާސްކަން ފިލުވައި ހަންގަނޑާއި ހަށިގަނޑަށްވެސް އަރާމު އިހްސާސްކޮށްދޭ
- ހަމުގައި ހުންނަ ކަޅުތަންތަން ކޮޅު ފިލުވައި، ބްލެކް ވައިޓްހެޑްސް ފިލުވާލާ
- އިސްތަށިގަނޑަށް ވެސް ނުހަނު ފައިދާކުރޭ
- ސަންބާންތަކަށް ފަރުވާއެއް
- އަރިދަފުސް ރޯގާއަށްވެސް ރަނގަޅު ފަރުވާއެއް.
- ހަންގަނޑު އަދާފައި ހުންނަ ތަންތަން ރަނގަޅުކޮށްލަދޭ، މިހެން ގޮސް އަދިވެސް އެތަކެއް ގިނަ ފައިދާތަކެއް ލިއްބައިދޭ
ކުރިންވެސް ބުނި ފަދައިން އެލޯވެރާއަކީ ކޮންމެ ގޮތަކަށްވެސް އޭގެ ބޭނުން ހިފިދާނެ އެއްޗެކެވެ. އެންމެ އުފާވެރި ކަމަކީ މިއީ ރާއްޖެއިން ގަންނަން ފަސޭހައިން ލިބެން ހުންނަ އެއްޗަކަށްވުމެވެ. އަދި އަމިއްލަގޭގެ އަމިއްލަ ކޮޓަރީގައިވެސް ގަސްމުށިގަނޑެއް ނޫނީ ގަސްއިންދާ ޕޮޓެއްގައި މީގެ ގަހެއް އިންދިދާނެއެވެ. އޭރުން ބޭނުންވާ ކޮންމެ ފަހަރަކު ފިިހާރައަކަށް ގަންނަން ދާން ޖެހުމުގެ ތަކުލީފު އުފުއްލާކަށް ނުޖެހޭނެތާއެވެ.
(ނޯޓް: މި ލިޔުމުގައި އަލިއަޅުވާލާފައި މިވަނީ އެލޯވެރާގެ ފައިދާތަކަށެވެ. މި ލިޔުމާ ގުޅޭ ދެވަނަ ބައިގައި ގެނެސްދޭނީ އެލޯވެރާ ބޭނުން ކުރާނެ ބައެއް ގޮތްތަކެވެ.(