އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ސީޕްލޭން ރަސްމީކޮށް މިއަދު ބޭނުންކުރަން ފަށައިފިއެވެ.
މިކަމަށްޓަކައި ބޭނުންކުރާ ސީޕްލޭންވަނީ މެޑިކަލް އިވެކުއޭޝަންތަކަށް ތައްޔާރުކޮށް ޤާއިމުކުރަންޖެހޭ ޒަމާނީ ހުރިހާ ވަޞީލަތްތައް ޤާއިމުކޮށްފައެވެ. އައިލެންޑް އެވިއޭޝަނުން ބުނީ ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓަރގައި އެއަރއެމްބިއުލާންސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ކުއްލި ފަރުވާގެ ދާއިރާ ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށެވެ.
މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރެއެވެ.
މިނިސްޓްރީ އޮފް ހެލްތާއި އެންސްޕާއާއި އާސަންދަ ގުޅިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ.