ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ރާއްޖެއަށް ނާދެވޭގޮތަށް ޑިޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.
މިކަމާގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން މިމަހުގެ 9 ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި އެގޮތުން މ.ސްޓަރ ކްލައުޑްސް ޢިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ޙަރަކާތްތެރިވާކަން ފާހަގަކުރެވުމާއި ގުޅިގެން އެކަން ބަލާފައިވާކަމަށެވެ.
އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތް މީހުންގެ ތެރެއިން އެއްބައި މީހުންނަކީ ދޫކޮށްފައިވާ ވިސާއާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބައެއް ކަމަށާއި އަނެއް ބައި މީހުންނަކީ ސައްހަ ވިސާ ނެތް މީހުން ކަމަށެވެ.