"ރަސްއައިން" އެޕްލިކޭޝަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި އެޕްލިކޭޝަން ރައީސް އިފްތިތާޙުކޮށްދެއްވީ ޤައުމީ ދިފާޢީބާރުގެ ވައިގެ ބާރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި އެޕްލިކޭޝަންގައި މޫސޫމީ އިންޒާރުތަކާއި، ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުރެއެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި، އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.
މި އެޕްލިކޭޝަންގައި ހިމެނޭ މަސްވެރިންނާ ގުޅުންހުރި މުހިންމު ކަންކަމުގެތެރޭގައި ދިވެހިރާއްޖޭގެ ތަފްސީލީ ޗާޓާއި ކަނދުފަތިތައް ހިމެނޭ ހިސާބު އަދި އެކި ދުވަސްތަކުގައި މަސް އައިންތައް އޮންނަ ސަރަޙައްދާ މަސްވެރިކަން ތިއާގި ސަރަޙައްދުތަކާގުޅޭ މަޢޫލޫމާތު މަސްވެރިންނަށް ލިބޭނެއެވެ.