އައިވީއެފްއާއި އައިޔޫއައިއަށް ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ހުޅުވާލާފިއެވެ.
މިކަމާގުޅިގެން އެންސްޕާއިން ބުނެފައިވަނީ އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތައް އެދުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިއަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށެވެ.
އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒުތަކާއި ރާއްޖެއިން ބޭރުން ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
އައިވީއެފްގެ އެހީ ފޯރުކޮށްދޭނީ ކައިވެނިކޮށްގެން އުޅޭތާ 3 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވާ ނުވަތަ ސަބަބު ދެނެގަނެވިފައިވާ ނުވާ ފަރާތްތަކަށްކަމަށް މިކަމާބެހޭ އުޞޫލުގައި ބުނެފައިވެއެވެ.
އައިވީއެފްގެ ޚިދުމަތައް އެދި ފޯމު ހުށައަޅާތާ ރަސްމީ 30 ދުވަހު ތެރޭގައި ޚިދުމަތް ދިނުމަށް މިއަހަރަށް ކަނޑައެޅިފައިވާ އަދަދަށް ޚިދުމަތް ހަމަޖެހޭ ފަރާތްތަކަށް އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އެންސްޕާއިން އަންގުމަށް ވަނީހަމަޖެހިފައެވެ. އަދި އައިޔޫއައިގެ ޚިދުމަތައް އެދި ފޯމު ހުށައަޅާތާ ރަސްމީ 5 ދުވަހު ތެރޭ ހުށައަޅާ ފޯމަށް ގޮތެއް ނިންމުމަށްފަހު އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އެންގޭނެ ކަމަށެވެ.
އެންސްޕާއިން ގެޒެޓް ކޮށްފައިވާ އުސޫލުގެ ދަށުން އާސަންދަ ސްކީމުން އައިޔޫއައިގެ ފަރުވާ ފޯރުކޮށްދޭނީ ތިން ފަހަރުއެވެ. އަދި އައިވީއެފްގެ ފަރުވާ ފުރިހަމަކުރުމަށް އެހީ ހަމަޖައްސައިދޭނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ދެ ފަރުވާއެއް ކަމަށްވާ، އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތް އާސަންދައިގެ ދަށުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.