ޢަލީ އިޙްޞާން ފިރާޤް
ތައިރޮއިޑް ގްލޭންޑަކީ ކޮކާލެއްގެ ބައްޓަމަށް ހުންނަ ގުނަވަނެކެވެ. އެއީ ކަރުގެ ކުރިމަތީ ފަރާތުގައި ހުންނަ ގުނަވަނެކެވެ. މި ގުނަވަން ހުންނަނީ ފަސްވަނަ ސާވިކަލް ވާރޓެބްރާއިން (C-5) ފެށިގެން އެއްވަނަ ތޮރަސިކް ވާރޓެބްރާ (T-1) އާ ހަމައަށެވެ. މި ގުނަވަނުގައި ދެ ލޯބު ވެއެވެ. އެއީ ކަނާތް ފަރާތު ލޯބް އާއި ވާތްފަރާތު ލޯބްއެވެ.
ތައިރޮއިޑް ގްލޭންޑުގެ ވަޒީފާ ނުވަތަ ދައުރު ބިނާވެގެންވަނީ އެ ގުލޭންޑުން ދޫކުރާ ހޯމޯންތަކުގެ މައްޗަށެވެ. އެ ހޯމޯންތަކަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ކޮންޓުރޯލްކޮށް ހިފަހައްޓައި ދިނުމަށް އެހީތެރިވެދޭ ހޯމޯންތަކެކެވެ. އަހަރެމެން ކެއުމަށް ބޭނުންކުރާ ތަކެތީގައި ހިމެނޭ އަޔޮޑިން ބޭނުންކޮށްގެން ތައިރޮއިޑް ގްލޭންޑް އިން މައިގަނޑު ދެ ހޯމޯންއެއް އުފައްދައެވެ. އެއީ ޓްރައިއަޔޯޑޯ ތައިރޮނީން (ޓީ (Triiodothyronine (T3)) އާއި ތައިރޮކްސިން (ޓީ4) Thyroxine (T4) އެވެ.
ޓީ3 އަދި ޓީ4 ގެ މިންވަރު ކަންޑައެޅިގެންވާ މިންވަރަށްވުރެ މަތިނުވެ އަދި ކަނޑައެޅިގެންވާ މިންވަރަށްވުރެ ދަށްނުވެ ހުރުމަކީ މުހިންމު ކަމެކެވެ. ސިކުނޑީގައި ހުންނަ ދެ ގްލޭންޑް ކަމަށްވާ ހައިޕޮތެލަމަސް އާއި ޕިޓޫއިޓަރީ މުއާމަލާތްކޮށްގެން ޓީ3 އާއި ޓީ4 ބެލެންސް ބެލެންސްކޮށް އެއްވަރެއްގައި ހިފަހައްޓައިދެއެވެ.
ތައިރޮއިޑް މަތިވުން:
ތައިރޮއިޑް ގްލޭންޑުން މިދެންނެވި ދެ ހޯމޯން އުފައްދާ މިންވަރު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރުވާ ހާލަތަށް ކިޔަނީ ހައިޕާތައިރޮއިޑިޒަމްއެވެ. ދިވެހިބަހުން އެއަށް ތައިރޮއޮޑް މަތިވުމޭވެސް ކިޔާ އުޅެއެވެ. މިފަދަ ހާލަތްތަކުގައި ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހާސްވެ ކަންބޮޑުވުމާއި، ރުޅިގަދަވުން ނުވަތަ މީހާގެ މޫޑަށް ބަދަލު އައުމާއި، ނިދަން އުނގަދޫވުމާއި، އަބަދުވެސް ވަރުބަލިކަން އިހްސާސްވެފަ ހުރުމާއި، އަތް ތުރުތުރު އެޅުމާއި، އިސްތަށިތައް ފޭބުމާއި، މައްސަރުކަންތަކުގައި މައްސަލަ ދިމާވުން ހިމެނެއެވެ.
މިދެންނެވި އަލާމާތްތަކުގެ އިތުރުންވެސް އެފަދަ އެހެން އަލާމާތްތައްވެސް ތައިރޮއޮޑް މަތިވުމުން ފެނިގެންދާނެއެވެ.
ތައިރޮއިޑް ދަށްވުން:
ތައިރޮއިޑް ހޯމޯން ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ދަށުން އުފައްދާ ހާލަތަށް ކިޔަނީ ހައިޕޯތައިރޮއިޑިޒަމްއެވެ. މި ހާލަތަށް ދިވެހިބަހުން ކިޔާ އުޅެނީ ތައިރޮއިޑް ދަށްވުމެވެ. ތައިރޮއިޑް ދަށްވުމުން ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ނިދުމަށް އުނދަގޫވުމާއި، ވަރުބަލިވުމާއި ކަންތައްތަކަށް ސަމާލުކަން ދިނުމަށް އުނގަދޫވުމާއި، ހަންގަނޑު ކުރަކިވުމާއި، ފިކުރުބޮޑުވުމާއި، ފިނިވުމުން އުނގަދޫ އިހްސާސްވުމާއި، ހާސްވެކަންބޮޑުވުމާއި، ހުޅުހުޅުތަކާއި މަސްތަކުގައި ރިއްސުން ހިމެނެއެވެ.
ތައިރޮއިޑްގެ ދުޅަހެޔޮކަމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
ތައިރޮއިޑް ގްލޭންޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެއެވެ. އެގޮތުން ކެއިން ބުއިމުގައި ހަކުރު މަދުކުރުމާއި، ޕްރޮސެސްޑް ކާނާ މަދުކުރުމާއި، މަދުވެގެން ހަފްތާއަކު ތިންފަހަރު ނުވަތަ ފަސްފަހަރު ކަސްރަތު ކުރުމާއި، ކެއުމުގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ހިމެނުމާއި، ހަށިގަނޑުގެ ބަރުދަން ރަނގަޅު މިންވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ.
ރޯދަމަހު ތައިރޮއިޑް ބޭސް ކާނީ ކިހިނެއް؟
މޯލްޑިވްސް އެސޯސިއޭޝަން ފޯ ހެލްތް އެވެއާރނެސް އިން ވަނީ ރޯދަމަހު ތައިރޮއިޑް ބޭސް ކާނެގޮތް ބުނެދީފައެވެ. އެގޮތުން ތައިރޮކްސިން/ ލެވޮތައިރޮކްސިން (ތައިރޮނޯމް) ބޭނުން ކުރައްވާ ފަރާތްތަކުން ރޯދަމަހު ބޭސް ކެއުން އެންމެ ރަނގަޅު ވަގުތަކީ ހާރު ކެއުމުގެ 30 މިނެޓް ކުރިއެވެ. ލަސްގަޑިއެއްގައި ހާރުކާން ހޭލަން އުނދަގޫނަމަ ނިދުމުގެ ކުރިން ބޭސްކާންވާނެއެވެ. އެއީ އެންމެ އެންމެ ފަހުގެ ކެއުން މަދުވެގެން ނިދުމުގެ 1 ގަޑިއިރު ކުރިން ކާނަމައެވެ. ރޯދަވީއްލާ ގަޑީގައި ބޭސްކާނަމަ، ބޭސް ކެއުމަށްފަހު ކާންވާނީ 30 މިނެޓް ފަހުންނެވެ.
(--މިއަދުނޫހުގެ ލިޔުންތެރިޔާ ޢަލީ އިޙްޞާން ފިރާޤަކީ މެޑިސިންގެ ދާއިރާއިން ރާއްޖެއިން ބޭރުގައި އުނގެނެމުން އަންނަ ދަރިވަރެކެވެ.)