ގިނަ ދަރިންތަކެއް ލިބުނީމަ ފިރިމީހާ ފިލުމުން ޙާލުގަ ޖެހުނު އަންހެނެއްގެ އަޚްލާޤަށްޓަކާ ކައިވެނިކުރި ދަރިން ނުލިބޭ މީހަކަށް ދަރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
ގިނަ ދަރިންތަކެއް ލިބުނީމަ ފިރިމީހާ ފިލުމުން ޙާލުގަ ޖެހުނު އަންހެނެއްގެ އަޚްލާޤަށްޓަކާ ކައިވެނިކުރި ދަރިން ނުލިބޭ މީހަކަށް ދަރިއަކު ލިބުނު ގޮތުގެ ވާހަކަ-

ބައެއް މީހުން ބުނެއެވެ. "އެކަނިވެރިމައަކަސްވެ ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ނުބައިމަގަކުން ނުގޮސް ކެތްތެރިވާނަމަ އުފާވެރި ދިރިއުޅުމެއް ލިބޭނެއެވެ. ނަމަވެސް މިޒަމާނުގައި އެކަން އެގޮތަށް މެދުވެރިވެދާނެތޯ؟ 

މިސުވާލު މިކުރީ އަޅުގަނޑަކީވެސް ވަރަށް ދަތިޙާލުގައި ދިރިއުޅޭ އެކަނިވެރިމައަކީމެވެ. ދިރިއުޅެނީކަމަށް ބުނުމަށްވުރެ ރަނގަޅުވާނީ 3 ދަރިން ގޮވައިގެން ތެޅިފޮޅޭ އަންހެނެއް ކަމަށް ބުނިއްޔާއެވެ. ވާހަކަދައްކާ ކޮންމެ މީހަކުވެސް ގެއްލެނީ 3 ދަރިން ބެލުމުގެ ބުރަކަމަށް ބަލައިފައެވެ." 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ހިތްވަރުކުރާށެވެ! އަދި ވަޤުތު ނުޖެހެނީއެވެ. އިމްތިޙާނުން ފާސްވާށެވެ! ލިބޭނެ އުފާވެރިކަން މާބޮޑުވާނެއެވެ. ތިރީގައިވާ ވާހަކައިން ހިތްވަރު ލިބިގަންނާށެވެ! މިފަދަ އެތައް ކަމެއް ރާއްޖޭގައިވެސް ވަނީ ހިނގައިފައެވެ. 

އަހަރެންނަށް ކުރިމަތިވި ހިތްދަތި ޙާލަތުގެވާހަކައިން ފަށާނަމެވެ. ފުރަތަމަވެސް ބުނަން އޮތީ އަހަރެންގެ ފިރިމީހާއަކީ ވަރަށް ގިނަ ދަރިން ހޯދަން ބޭނުންވި މީހެކެވެ. ނަޞީބުދިމާކުރިގޮތުން އަހަރެންވީ ވަރަށް ގިނައިން ވިހާ އަންހެނަކަށެވެ. އެހެންވެ ކައިވެންޏަށް 10 އަހަރު ފުރުނުއިރު 5 ދަރިން ލިބިފައިވެއެވެ.

ދަރިން ލިބި ޚަރަދުތައް ބޮޑުވުމުން ފިރިމީހާގެ ޚިޔާލު ބަދަލުވެއްޖެއެވެ. ގިނަ ދަރިން ހޯދުނީތީ ކަންބޮޑުވާން ފަށައިފިއެވެ. އެއީ އަހަރެން ބޭނުންވެގެން ހޯދި ކުދިންތަކެއް ބުނަން ފަށައިފިއެވެ. އެބާވަތުގެ ވާހަކަތަކެއް ދައްކަމުން ގޮސް އެންމެ ފަހުން ފިލީއެވެ. އެއިރު ގޭގައި އޮތީ އެންމެ 50 ޑޮލަރެވެ. 

އެއްވެސް ގޮތެއް ނެތުމުން ވަޒީފާއެއް ހޯދަން ނުކުތީމެވެ. ތަންތަނަށް ގޮސް އާދޭސްކުރަމުން ދަނިކޮށް ހޮސްޕިޓަލަކުން ވަޒީފާއެއް ދީފިއެވެ. ރޭގަނޑުގެ ވަގުތުތަކުގައި ރިސިޕްޝަނިސްޓެއްގެ ވަޒީފާއެވެ. ދަރިންކޮޅު ކުޑަކަމުން އަހަރެންފަދަ އެކަނިވެރި މައަކަށް އެއީ ގެއިން ބޭރުގައި އުޅެން އެންމެ އުނދަގޫވެސް ވަގުތެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ވަޒީފާ ޤަބޫލުކުރީއެވެ. 

ދެން ނުކުތީ ގޭގައި ރޭގަނޑު ކުދިންނާއިއެކު ނިދައިލާނެ މީހަކު ލިބޭތޯއެވެ. މަގުމަތީގައި ނިދަން ތިބޭ އަންހެނުންގެ ތެރެއިން އަންހެނަކާއި ވާހަކަ ދައްކައިލުމުން ކުޑަ އުޖޫރައަކަށް ރޭގަނޑު ކުދިން ބަލައިދޭން އޭނާ އެއްބަސްވިއެވެ. އެފަދަ ޙާލެއްގައި 5 ކުދިން ގޮވައިގެން ދިރިއުޅެމުން ދިއައިމެވެ. 

ހުކުރު ދުވަހެއްގެ ހަވީރެވެ. 5 ކުދިން ގޮވައިގެން ނުކުމެ ދޮރާށި ކައިރީގައި ހުއްޓާ ކާރެއް މަޑުކޮށްލާފައި ކާރުން ފޭބި މީހެކެވެ. އެއީ ކާކަމެއްވެސް ނުއެނގެއެވެ. ނަމަވެސް އެނާއަށް އަހަރެންގެ ނަމާއި ހޮސްޕިޓަލުގައި މަސައްކަތްކުރާކަން އެނގެއެވެ. 

އޭނާ ފުރަތަމަވެސް ސުވާލުކުރީ އެއީ ހަމަ އަހަރެންގެ ދަރިންތޯއެވެ؟ އާނއެކެވެ ބުނުމުން ބުނީ ގެއަށް ވަދެލަން ބޭނުން ކަމަށެވެ. އަހަރެން އޭނާ ގެއަށް ވައްދައި ބެލިއިރު ދޭނެ ކޮފީފޮދެއް ގިރައިލެވެންވެސް އަދި ޖޫސްފޮދެއްވެސް ނެތެވެ. އެވާހަކަ ބުނެފައި ކަޅުސައިތަށްތެއް ދިނީމެވެ. 

އޭނާ ސުވާލުކުރީ ފިރިމީހާ ކޮބައިތޯއެވެ؟ ކަންތައް ވީގޮތް ކިޔައިދިނުމުން ފިރިމީހާ ނެތްއިރު ރޭގަނޑު ޑިޔުޓީއަށްދާއިރު ދަރިން ބަލައިދެނީ ކާކުތޯ ސުވާލުކުރުމުން އެކަންކުރާގޮތްވެސް ކިޔައިދިނީމެވެ. 

އޭނާ ވަރަށް ބޮޑަށް ޙައިރާންވިއެވެ. ބުންޏެވެ. "ކަލެއަކީ އަހަރެންގެ މުޅި އުމުރުގައިވެސް މިހައިތަނަށް ބައްދަލުވި އެންމެ ހިތްވަރުގަދަ އަންހެނާއެވެ. އަދި މިހާތަނަށް ތިހައި ޢިއްފަތްތެރި އަންހެނަކާއިވެސް ބައްދަލުވެފައެއް ނެތެވެ. މިޒަމާނުގައި ތިއަފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ގިނަ އަންހެނުން ކުރާނެ ކަމަކީ މޭކަޕްކޮށްގެން ނުކުމެ ފައިސާހޯދުމެވެ. ނަމަވެސް ކަލޭ ތިއަ އިޚްތިޔާރުކުރީ ބުރަ މަސައްކަތްކޮށްގެން ފައިށާ ހޯދާށެވެ. 

ބައްދަލުވެފައި ނެތުމުން އަހަރެންނަކީ ކާކުކަން ކަލެއަށް ނޭނގިދާނެއެވެ. ނަމަވެސް އަހަރެންނަކީ ކަލޭ މަސައްކަތްކުރާ ހޮސްޕިޓަލުގެ ވެރިމީހާއެވެ. އެއީ އަހަރެންގެ އެސެޓްތަކުގެ ތެރެއިން އެސެޓެކެވެ. ކަލޭ ކައުންޓަރުގައި ހުއްޓާ ފެނުނު ފުރަތަމަ ފަހަރުވެސް ކަލެއަކީ ވަރަށް ރަނގަޅު އަންހެނެއްކަމަށް ޤަބޫލުކުރެވުނެވެ. އެއީ ކީއްވެގެން ކަމެއް ނުއެނގެއެވެ. ނަމަވެސް އަހަރެންނަށް ވިސްނުނު ގޮތް އެއީ ހަމަ އެކަން އޮތް ގޮތްކަން މިއެނގުނީއެވެ. 

އަހަރެންނަކީ ތަނަވަސް މީހެއް ނަމަވެސް ދަރިއަކު ލިބޭނެ މީހެއް ނޫނެވެ. އަހަރެންގެ އަނބިމީހާ އަހަރެން ދޫކޮށްލާފައި ދިއައީ އަހަރެންނަށް ދަރިއަކު ނުލިބޭނެތީއެވެ. އޭނާ އާއިމެދު އެއްވެސް ޝަކުވާއެއްވެސް ނެތެވެ. އޭނާ ދަރިން ބޭނުންވާއިރު އޭނާ ކަންކަން އެކުރީ ހަމަ ރަނގަޅަށްކަން ޤަބޫލުކުރަމެވެ. 

އަހަރެންނަށް ދަރިން ނުލިބުމަކީ ކަލެއަށް މައްސަލައަކަށްވާނެ ކަމަކަށް ނުދެކެމެވެ. އެއީ ކަލޭގެ 5 ކުދިން ތިބުމުންނެވެ. ބޭނުންނަމަ އަހަރެން ކަލެއާއި ކައިވެނިކޮށްފާނަމެވެ." 

ލިބުނު އުފާވެރިކަން ބޮޑުކަމުން ތެދުވެގެން ގޮސް އޭނާގެ ދެފައިގައި ހިފުނެވެ. "ބުނީމެވެ. ﷲ އަށް ހާސްފަށުން ޙަމްދުކުރަމެވެ. އިރާދަކުރެއްވިއްޔާ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ތިބާއަށް ޚިދުމަތް ކުރުމުގައި ދެމިހުންނާނަމެވެ." 

ކައިވެނިކުރެވުނީއެވެ. ގަނޑުވަރެއްހައި ފުރިހަމަ އޭނާގެ ގެއަށް އަހަރެމެން 6 މައިން ގެންގޮސް ގެންގުޅެން ފެށީއެވެ. 

ދެން އޮތީ އެންމެ ބޮޑު ޙައިރާންކަމެވެ. ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު އެއްގޮތަކަށްވެސް ނުލިބޭނެ ކަމަށް އެތައް ބައިވަރު ޑޮކްޓަރުން ބުނެފައިވާ މީހާއަށް ދަރިއަކުވެސް ލިބުނީއެވެ. ކުޅަދުންވަންތަކަމުގެ ބޮޑުކަމާއިއެވެ. 

ކައިވެންޏަށް މިހާރު 15 އަހަރު ފުރުނީއެވެ. އޭނާ ފަދަ ފިރިއަކު ހަމަ މަދުވާނެއެވެ. އެހައިވެސް އަހަރެމެންނަށް އޭނާ ރަނގަޅެވެ. 

- ޚަދީޖާ / މުލްތަން، ޕާކިސްތާން

 

--ޢިބްރަތްތެރި ވާހަކަ-  

މިއަދު އޮންލައިން