ސައުދީ އަރަބިއްޔާގއ ސަރުކާރުން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
މި 55 ޓަނުގެ ތެރެއިން 50 ޓަނަކީ ސަޢުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރެވެ. އަދި 5 ޓަނަކީ ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރެވެ.
ސައުދީއިން ހަދިޔާކުރި ކަދުރާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުލުން އޮތީ މިއަދު ސައުދީ އެންބަސީގައެވެ. ސަރުކާރުގެ ފަރާތުން އެ ކަދުރާއި ހަވާލުވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދެވެ. ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީއެވެ.
ސައުދީގެ އިސްލާމީ ކަންތައްތަކާއި ވުޒާރާ އިން ހަދިޔާކުރި ފަސް ޓަނުގެ ކަދުރު ހަވާލުކުރުން އޮތީ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ކަދުުރު ހަވާލުކޮށްދެއްވީ ސައުދީ ސަފީރު މަތްރިކް އައްދައުސަރީއެވެ. އަދި ކަދުރާއި ހަވާލުވެވަޑައިގެންނެވީ ވަޒީރު ޑރ. ޝަހީމްއެވެ.