ޢިބްރަތްތެރި ވާހަކަ: އިންތިހާއަށް ލޯބިވިއިރުވެސް ކައިވެނީގެ ބޭރުން ހަށިގަނޑު ޙަވާލުކުރަން ބޭނުންނުވި އަންހެނަކު ސަލާމަތަށް އެދި ދުޢާކުރުމުން ކަންކަންވީގޮތް- އެންމެންނަށް ވަރުގަދަ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ޢިބްރަތްތެރި ވާހަކަ: އިންތިހާއަށް ލޯބިވިއިރުވެސް ކައިވެނީގެ ބޭރުން ހަށިގަނޑު ޙަވާލުކުރަން ބޭނުންނުވި އަންހެނަކު ސަލާމަތަށް އެދި ދުޢާކުރުމުން ކަންކަންވީގޮތް- އެންމެންނަށް ވަރުގަދަ ފިލާވަޅެއް!

ﷲ ތައާލާގެ މަގުގައި ޘާބިތުވެ ހުންނަ މީހަކު ދުޢާކުރާނަމަ އެދުޢާ ވަޤުތުންވެސް ޢިޖާބަކުރައްވަވާކަން އެނގިގެންދާ މިވާހަކައަކީ ޢިބްރަތް ޙާޞިލުކޮށް ހިތްވަރު ލިބިގަންނަން ބޭނުންވާ ކޮންމެ މީހަކަށްވެސް ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. 

ވާހަކަ ވިދާޅުވެލައްވާށެވެ. 

އަޅުގަނޑުގެ ޙަޔާތުން މިކިޔައިދޭ ވާހަކަތައް ޤަބޫލުކުރަން ބައެއް މީހުންނަށް ވަރަށް އުނދަގޫވެދާނެއެވެ. އެއީ މިޒަމާނުގައި އެފަދަ ކަންކަން ހިނގައިފާނެ ކަމަށް ޤަބޫލުނުކުރެވޭ ނުވަތަ ޤޢަބޫލުކުރަން އުނދަގޫ މީހުން ތިބޭނެތީއެވެ. ނަމަވެސް މިއީ މީގެ 10 އަހަރުކުރިން އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ.

އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު ތަރުބިއްޔަތުކޮށްފައިހުރީ 5 ނަމާދުކުރަން އާދަކުރުވައިގެންނެވެ. ނުބައި ކަންކަން ކުރަން ބިރުވެތިކުރުވައިގެންނެވެ. ނަމަވެސް އަޅުގަނޑަށް ލޯބިވެވުނީ އެކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދެވޭ ޒުވާނަކާއިއެވެ. އެކަން އެނގުނީ މާބޮޑަށް ލޯބިވެވުނު ފަހުންނެވެ.

އެއީ އެއަހަރުގެ ޝަޢްބާން މަހުގެ ފަހުކޮޅެވެ. ލޯބިވެރިޔާ ތަކުރާރުކޮށް އެދެމުން ދިއައީ މާލޭގެ ވަކި ގެސްޓް ހައުސް އެއްގައި ހުންނަ ރެސްޓޯރަންޓަކުން ބައްދަލުވުމަކަށެވެ. ނަމަވެސް ބިރުން ނުދަމެވެ. އެއީ އެގެސްޓް ހައުސް އާއިމެދު އެކުވެރިންގެ ކިބައިން ލިބިފައިވާ މައުލޫމާތުގެ ސަބަބުންނެވެ. ބިޓުންނަށް ކާން ދިނުމުގެ ނަމުގައި ގެންގޮސް ކޮޓަރިތަކަށް ވައްދާ ވާހަކަ އަޑުއިވިފައި އޮތުމުންނެވެ. އެހެންވެ ކޮންމެވެސް ބަހަނާއެއް ދައްކާފައި ކޮންމެ ރެއަކުވެސް ސަލާމަތްވަނީއެވެ.

ރަމަޟާން މަހުގެ މެދުތެރޭގައި އޭނާ އަޅުގަނޑަށް ބިރު ދެއްކިއެވެ. މަޖުބޫރުކުރިއެވެ. ހޯމަވިލޭރެއެކެވެ. އެރޭ ބައްދަލު ނުކޮށްފިނަމަ އުމުރަށް ގުޅުން ކަނޑައިލާނެ ކަމަށްވެސް ބުންޏެވެ. އެހިސާބަށް ކަންކަން ދިއުމުން ރިސްކް ނަގާފައި ދާންވެސް ނިންމީމެވެ. ދާން 3 ފަހަރު ގެއިންވެސް ނުކުތީމެވެ. ނަމަވެސް ތަންކޮޅަކަށް ހިނގާއިރަށް ހިތަށް ވަންނަ ބިރުވެރިކަމަކުން އަނބުރާ ގެއަށް ވަދެވެނީއެވެ.

3 ވަނަ ފަހަރު ގެއަށް އައިސް ކޮޓަރިއަށްވަދެ ގަޑި ބަލައިލިއިރު 10 ޖަހަނީއެވެ. ވަރަށް ރަނގަޅަށް ވިސްނައިލުމަށްފަހު ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ 2 ރަކްޢަތް ނަމާދެއްކޮށްފައި ހެޔޮ ވިސްނުން ދެއްވެވުން އެދި ދުޢާކުރީމެވެ. އަދި ނުގޮސް ހުރުމުގެ ހިތްވަރު ދެއްވެވުން އެދިވެސް ދުޢާކުރީމެވެ.

ދުޢާކޮށް ނިމިގެން ހެދުންވެސް ބަދަލުނުކޮށް ގޮސް އެނދުގައި އޮށޯވެލިތަނާ ނިދިއްޖެއެވެ. ހޭލެވުނީ 3.30 ހާއިރު ހާރުކާން މަންމަ ގޮވުމުންނެވެ. ހާރުކައިގެން އަނެއްކާވެސް ނަމާދުކޮށް ކިޔަވަން އިންދާ ފަތިސްނަމާދަށް ބަންގިގޮވުމުން ފަތިސް ނަމާދުކޮށްގެން ޛިކުރުކުރަން އިރުކޮޅަކު އިނދެލާފައި އޮށޯވެ ނިދީއެވެ. ލޯބިވެރިޔާގެ މަތިން ހަނދާނެއްވެސް ނުވިއެވެ. އެހެންވެ ނުވެސް ގުޅަމެވެ.

ހެނދުނު ހޭލިތަނުން ލޯބިވެރިޔާގެމަތިން ހަނދާންވެގެން ގުޅިއިރު ފޯނު އޮތީ ނިއްވާލައިފައެވެ. ހީކުރީ ރުޅިއައިސްގެން ފޯނު ނިއްވައިލީ ކަމަށެވެ. އެހެންވެ ދިއައީ އިރުއިރުކޮޅުން ގުޅަމުންނެވެ.

11 ޖަހާއެހާކަންހާއިރު ފެނުނީ ކުއްިއަކަށް ފުލުހުން ގެއަށް އައިތަނެވެ. ކޯޓު އަމުރެއްގެދަށުން ގެ ޗެކްކުރާށެވެ. އިތުރު ތަފްޞީލެއް ނުދެއެވެ. ޗެކްކުރަން ބޭނުން ވަރަށް ގެ ޗެކްކޮށްފައި ދަމުން ބުނީ ރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކުރެވުނު މީހަކު ދިން މައުލޫމާތަކާއި ގުޅިގެން ގެ ޗެކްކުރީކަމަށެވެ.

އިރުކޮޅެއްފަހުން ނޫސްތަކުން ފެނުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންގި އޮޕަރޭޝަނެއްގައި ލޯބިވެރިޔާ އާއި އިތުރު 3 މީހަކު އެ ގެސްޓް ހައުސްއިން އަތުލައިގެންފައިވާ ކަމަށެވެ.

ފަހުން އެނގުނު ގޮތުގައި ލޯބިވެރިޔާ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫނެވެ. ޑީލަރެކެވެ. އެ މައުލޫމާތުދިނީ އޭނާ އެވަރަށް ބުނުމުންވެސް އަޅުގަނޑު ނުދިއުމުން އަޅުގަނޑާއި ޢާއިލާ ފަޟީޙަތްކުރުމުގެ ބޭނުމުގައއިކަނަވެސް އެނގުނެވެ. އޭނާ ހީކުރީ އަޅުގަނޑު ނުދިއައީ މަންމަ ހިފެހެއްޓުމުން ކަމަށެވެ. ނަމަވެސް މަންމައަށް އެކަން ނުވެސް އެނގޭނެއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ކަނބަލުންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ބޮޑަށް ލޯބިވި ނަމަވެސް އަމިއްލަ ހަށިގަނޑު ކައިވެނީގެ ބޭރުން އެއްވެސް މީހަކާއި ޙަވާލުނުކުރާށެވެ! ވިސްނައި ރައްކައުތެރިވާށެވެ. ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެއެވެ.

އަޅުގަނޑު އޭނާ ދެކެ އިންތިހާއަށް ލޯބިވީމެވެ. ނަމަވެސް ކައިވެނީގެ ބޭރުން ހަށިގަނޑު ޙަވާލުކުރަން ބޭނުން ނުވީއެވެ. އެކަން ﷲ ހިންމަވައިދެއްވެވި ގޮތުގެ ވާހަކަ މިކިޔައިދިނީއެވެ. އަޅުގަނޑު ކުރި ހިތްވަރުގެ އަގުވެސް ވަރަށް ފުރިހައަށް މިވަނީ ލިބިފައެވެ. އަޅުގަނޑުގެ ފިރިމީހާއަކީ ވރަށް ހެޔޮލަފާ ތަޤްވާވެރިއެކެވެ. އަޅުގަނޑު ގޮވައިގެން ސުވަރުގެދާން މަސައްކަތްކުރާ މީހެކެވެ. މިވަރުން ފުއްދައިލާށެވެ.

 

- ޝިއޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން