ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތައް ކަމަށް ބުނާ ޤައުމުތަކުން ދަރިންގެ މެދުގައި ތަފާތުނުކުރުމަށާއި ވަކިޖިންސެއްގެ ކުއްޖަކަށްވުމުން ބާކީނުކުރަން ވަރަށް ބާރަށް ބުނާނެއެވެ. އަދި ވަފުދުތައް އައިސް އެކަންކަން އަޅުގަނޑުމެންނަށް ދަސްކޮށްދޭންވެސް އުޅޭނެއެވެ. މައްސަލައަކަށްވަނީ އެމީހުންގެ ޢަމިއްލަ ޤައުމުގައި ހުންނަ މިބާވަތުގެ މައްސަލަތައް ޙައްލުނުކުރެވޭކަމެވެ. މިކަންފާހަގަކޮށްލީ މިއީ އެމެރިކާގައި ހިނގާފައިވާކަމެއްގެ ވާހަކަ ކަމަށްވުމުންނެވެ.
ދަރިންގެ މެދުގައި ތަފާތުކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން މަނާކުރައްވަވާފައިވާ ކަމެއް ނަމަވެސް މުސްލިމުންގެ މެދުގައިވެސް އެނުބައި އާދަ އެބައޮތެވެ. މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އެނުބައި އާދަ އެބައޮތެވެ.
ވަކިޖިންސެއްގެ ކުއްޖަކަށްވުމުން މައިންބަފައިންގެ ލޯބިން މަޙްރޫމްވާންޖެހޭ ކުދިންނަށް ކުރާނެ އަސަރު ބަޔާންކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ތިރީގައިވާ ވާހަކައަކީ މައިންބަފައިންގެ ލޯތްބާ އަޅައިލުމުން މަޙްރޫމްވާންޖެހުނު އަންހެންކުއްޖަކު ކިޔައިދީފައިވާ ވަރަށް އަސަރުގަދަ ވާހަކައެކެވެ.
މިވާހަކަކިޔާ ކޮންމެ މަންމައަކުވެސް ބައްޕައަކުވެސް ވިސްނާލާފައި ނިކަން ބުނެބަލާށެވެ! ދެރަކޮށް ނިކަމެތިކޮށްލާ ދަރިފުޅަށް ތަނަވަސްކަމެއް ލިބުމުން އެއިން ބައެއް ހޯދަން މަސައްކަތްކުރެވޭއިރު ތިއަ މައިންބަފައިންގެ ހިތަށް އަސަރު ނުކުރަނީ ތިއަ ގެންގުޅޭ ހިތަކީ ސްޓޭންލަސް ސްޓީލް ހިތަކަށް ވާތީހެއްޔެވެ؟
ވިސްނުންތެރިކަމާއިއެކު ވާހަކަ ވިދާޅުވެލައްވާށެވެ!
އަހަރެންގެ މައިންބަފައިންނަށް ފުރަތަމަ ލިބުނު ދަރިފުޅަކީ އަހަރެނެންނެވެ. ނަމަވެސް ދުވަހަކުވެސް މަންމަ އާއި ބައްޕަގެ ލޯބި ލިބުނު ހަނދާނެއް ނުވެއެވެ. އަބަދުވެސް ހުންނަނީ ބާކީކޮށްފައެވެ. އެކަމާ އަބަދުވެސް ވަރަށް ދެރަވިއެވެ.
ކަންކަން މާބޮޑަށް ނުއެނގުނު ނަމަވެސް ހަނދާން ހުރެއެވެ. އަހަރެންގެ އުމުރުން ފަސް އަހަރުގައި ފިރިހެން ކޮއްކޮއަކު ލިބުނެވެ. ކޮއްކޮ ލިބުމުން ކޮއްކޮ ދެކެ މަންމަ އާއި ބައްޕަ ވަރަށް ބޮޑަށް ލީބިވިއެވެ. އަބަދު އުޅެނީ ކޮއްކޮ ގޮވައިގެން ކޮއްކޮއަށް އުފާކޮށްދޭށެވެ.
ކާފަ ދިރިއުޅެނީ މާދުރު ސިޓީއެއްގައެވެ. ބައްޕަމެން ކާފަ ދެކޭކަށް ދުވަހަކުވެސް ނުދެއެވެ. 2،3 އަހަރުކޮށްލާފައި އަންނަނީ ކާފައެވެ. އަހަރެންގެ އުމުރުން 10 އަހަރުގައި ކާފަ އަހަރެމެން ދެކެލަން ގެއަށް އައި ދަތުރެއްގައި ގޭގައި ހުރެފައި އެނބުރިދަމުން ދިއައީ އަހަރެން ގޮވައިގެންނެވެ. އެއީ ބައްޕަމެން އަހަރެންނާއިމެދު ކަންކަންކުރާ ގޮތް ފެނި އެކަމާ ދެރަވެގެންނެވެ. ކާފަ އަހަރެން ގެންދަން ބޭނުންވާހަކަ ބުނާއިރަށް ބައްޕަމެން އަވަސް އަވަހަށް އެކަމަށް އެއްބަސްވެއްޖެއެވެ.
ކާފަ އަހަރެން ގެންދިއުމަށްފަހު އަހަރެންނަށް ލޯބިދިނެވެ. ގެންގުޅުނީ ވަރަށް ލޯބިންނެވެ. ކިޔaވައިދިނެވެ. ހިތާމައަކީ އަހަރެންގެ ޙާލު ބަލައިލަން ބައްޕަމެން ދުވަހަކުވެސް ނުގުޅާ ކަމެވެ. ނުގުޅައި ގިނަދުވަސްވީމާ ހަނދާންވާވަރުން އަހަރެން ގުޅިނަމަވެސް ވަރަށް އަވަސްއަވަސްކޮށްލާފައި ބާއްވާތީވެސް ވަރަށް ދެރަވެއެވެ.
ކޮންމެއަކަސް ކިޔަވައި ނިމުނުތަނާހެން ކާފަ ނިޔާވެއްޖެއެވެ. އެކަން ބައްޕަމެންނަށް އެންގީމާ ޖަނާޒާއަށް ވެސް ނައުދެއެވެ. ކާފަގެ ޢާއިލާއިންވެސް އައީ އެންމެ މީހެކެވެ. އެނގުނު ގޮތުގައި އެއީ ކާފަގެ ކޮއްކޮއެވެ. އޭނާގެ ދަރިއަކުވެސް ނުހުރެއެވެ. އެހެންވެ ޢާއިލާއެއް ނެތީއެވެ. ކާފަގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެންގެ ބައްޕައެވެ. ބައްޕަ ނައީއެވެ.
ކާފަ ނިޔާވިތާ 3 ވަނައަށް ދުވަހު ކާފަގެ ވަޞިއްޔަތް ހިފައިގެން ޤާނޫނީ ވަކީލު އައިސް ކިޔައިދީ ލިޔުންތައް ހަވާލުކުރިއެވެ. އެއްވެސް މީހަކަށް ކާފަގެ ޙަޤީޤަތް ނުއެނގެނީއެވެ. ކާފައަކީ މިލިއަނަރެކެވެ. ބިންވެރިއެކެވެ. ހުރިހާ ބިންތަކާއި ފައިސާތަކެއް ދީފައިވަނީ އަހަރެންނަށެވެ.
ޚުދު އަހަރެންވެސް ޙައިރާންވީމެވެ. ކާފަ ގާތުގައި 12 އަހަރު ހުރިއިރުވެސް ކާފައަކީ އެފަދަ ތަނަވަސް މީހެއްކަން އެނގިފައެއް ނެތެވެ. ކޮންމެއަކަސް ވަކީލު ކާފަގެ ވަޞިއްޔަތް ބައްޕައަށް އަންގާއިރަށް އަހަރެންދެކެ އިންތިހާއަށް ލޯބިވެއްޖެއެވެ. އިރުއިރުކޮޅުން ގުޅަންފަށައިފިއެވެ. ކާފަގެ ގޭގައި އެކަނި ނުހުރެ އެމީހުންގެ ގާތަށް ބުނަން ފަށައިފިއެވެ. ނުދިއުމުން އެންމެފަހުން އަހަރެންގެ ގާތަށް އަތުވެއްޖެއެވެ.
އަހަރެން ހުރީ އެކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެގެންނެވެ. އައިސް 2،3 ދުވަސްވުމަށްފަހު ދައްކަން ފެށީ ކޮއްކޮގެ ވާހަކައެވެ. އަހަރެންގެ ބެލެނިވެރިއަކަށްވާނީ ކޮއްކޮ ކަމާއި ކޮއްކޮއަށް ރަނގަޅަށް ކަންކަން ކޮށްދޭންޖެހޭނެ ވާހަކައެވެ. ލިބުނު ތަނަވަސްކަމުން ބައެއް ކޮއްކޮއަށް ދޭންޖެހޭނެ ވާހަކައެވެ.
ބައްޕަމެންނާއި ޒުވާބު ނުކުރަންވެގެން އެއިން އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދެމެވެ. ހަމައެކަނި ބުނިހާވެސް އެއްޗަކީ އުޅެން ބޭނުންވަނީ މިހައިތަނަށްވެސް އުޅުނު ގޮތަށް އެކަނި ކަމަށެވެ. މައިންބަފައިންނާއި ވަކިން ކަމަށެވެ. އަހަރެންގެ ބެލެނިވެރިއަކަށް ވާން ކޮއްކޮއަށް ޖެހޭނީ އަހަރެންނަށް ދަރިން ނުލިބި އެކަނިވެރިވެއްޖެނަމަ ކަމަށެވެ.
ބައްޕަމެން އައި ބޭނުން ނުފުދޭނެކަން އެނގުމުން އެނބުރި ދިއައީއެވެ. އަހަރެން ކައިވެނިކޮށްގެން ދިރިއުޅެން ފެށީއެވެ. އަހަރެންނަށް 6 ދަރިން ލިބުނެވެ. 2 ދަރިން ކުޑައިރު ނިޔާވީއެވެ. 4 ދަރިން ބޮޑެތިވެ މާމަ ކިޔައިފިއެވެ.
އަހަރެން ދުނިޔޭގެ ހުރިހާ މައިންބަފައިންނަށް ދޭން ބޭނުންވާ މެސެޖަކީ ލިބޭ ދަރިންގެ ޖިންސް ކަނޑައަޅަނީ ދަރިންނެއް ނޫނެވެ. ވީމާ ކޮންމެ ޖިންސަކުން ދަރިން ލިބުނު ނަމަވެސް ބާކީކޮށް ނިކަމެތިކޮށްނުލާށެވެ. ދަރިންނަށް ނަޞީބު މިންވަރުކުރައްވަވަނީ ވެސް ޖިންސަކުން ނޫނެވެ. އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް އަދި އެކަލާނގެ މިންވަރުކުރައްވަވާ ވަރަކަށެވެ. އެކަމުގައި އެއްވެސް މީޙެއްގެ އެއްވެސް ބާރެއް ނުހިނގައެވެ.
- ޝެރީ / ލޮސްއެންޖަލަސް، އެމެރިކާ
- ޢިބްރަތްތެރި ވާހަކަ