ޗައިނާ ހިލޭ އެހީގައި ތަރައްގީކުރާ މާލޭގެ މަގުތަކުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އިމާރާތްކުރާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިމަޝްރޫޢު މިހާރު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހިލޭ އެހީގެ ދަށުންކަމަށްވާތީ، ޕްރޮޖެކްޓްގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ނެގުމުގެ މަސައްކަތް ކުރާނީ އެހީދިން ޗައިނާގެ އެޖެންސީގެ ފަރާތުންކަމަށާއި ޕްރޮޖެކްޓް ޕްލޭން ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
"މި މަސައްކަތް ހިލޭ އެހީގައި ކުރަން ކަނޑައަޅާފައިވާތީ މިއަހަރު ފަހުކޮޅު ޢަމަލީ މަސައްކަތް ފެށުން ޓަރގެޓަކީ. ކުރިއަށް 3-4 އަހަރުތެރޭ މާލެ އަދި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތާރު އަޅާ ރަނގަޅު ފެންވަރަށް ތަރައްޤީކުރާނަން." އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.މުއްޠަލިބު ވިދާޅުވިއެވެ.
މިމަސައްކަތާއެކު މާލޭގެ ފެނާއި ނަރުދަމާގެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްތަވެސް ކުރިއަށްގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.