ހިޔާ ފްލެޓް ސަރަހައްދުގައި ބަހައްޓާފައިހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައިޖެހިގެން މަރުވެއްޖެއެވެ.
މިކަމާގުޅިގެން ފުލުހުން ބުނީ އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކަކަށް ކަމަށާއި ހިޔާ ޓަވަރު 3 ކައިރީގައި ހުންނަ ޓްރާންސްފޯމަރު ތެރޭގައި ކަރަންޓު ޖެހި، އަނިޔާތަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިފައިވަނީ ރޭ ފަތިހު 4:07 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނީ ހއ. ހޯރަފުށީގެ ޒުވާނެއް ކަމަށްވާ 27 އަހަރުގެ ހުސައިން ޝިފާއުއެވެ. އަދި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.
ޓްރާންސް ފޯމަރުތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެ އެކަން ސްޓެލްކޯއިންވަނީ މީގެކުރިން ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.