މެލޭޝިއާގެ ގައުމީ އެއާލައިން ކަމަށްވާ މެލޭޝިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައި ޓިކެޓު ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މެލޭޝިއާ އެއަރލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަށްޓަކައި އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއި މެލޭޝިއާ އެއަރލައިނާއި ދެމެދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެލޭޝިއާގައި މިހާރު ކުރިއަށްދާ މާޓާ ފެއަރގެ ތެރެއިންނެވެ.
ކުއަލަލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް ފަށާނީ އަންނަ އޮގަސްޓުގެ ފުރަތަމަ ދުވަހު އެވެ. އެއްކޮޅު ޓިކެޓުގެ އަގު 1,276ރ. ގައި އުޅޭއިރު ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 2,820ރ. އެވެ.
މެލޭޝިއަން އެއާލައިނުން ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުތައް ބާއްވާއިރު ރާއްޖެ ވެގެންދާނީ ދެކުނު އޭޝިއާގައި އެ އެއާލައިން ދަތުރުކުރާނެ 13 ވަނަ މަންޒިލަށެވެ. އާ މާކެޓުތަކަށް ވިޔަފާރި ފުޅާކޮށް ކަސްޓަމަރުން އިތުރުކުރުމުގެ އަމާޒުގައި މެލޭޝިއާ އެއާލައިންސުން އަންނަނީ ގިނަ ކަންކަން ކުރަމުންނެވެ.